ޚަބަރު

އިންޓަރޕޯލްގެ 85 ވަނަ ޖެެނެރެލް އެސެމްބްލީ ފަށައިފި


އިންޑޮނޭޝިޔާގެ ބާލީގައި މިއަދު ފެށި އިންޓަރޕޯލްގެ 85 ވަނަ ޖެެނެރެލް އެސެމްބްލީގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިމަހުގެ 7 އިން 10 އަށް ބާލީގައި ކުރިއަށްދާ މި އެސެމްބްލީ މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ. މިއަހަރުގެ އެސެމްބްލީގެ އެންމެ އިސްކަމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ ޤައުމުތަކުގެ މެދުގައި ހިނގާ ކުށްތައް ހުއްޓުވުމުގައި ބައިނަލް އަޤްވާމީ މުޖުތަމަޢު ގުޅިގެން މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތްކުރުމަށް އިންޓަރނޭޝަނަލް ޕޮލިސިންގ އަށް މަގުދައްކައިދޭނެ ރޯޑްމެޕެއް އެކުލަވާލުންކަމަށް ޕޮލިހުން ވިދާޅުވެއެވެ.

މި އަހަރުގެ މިބައްދަލުވުމުގައިވެސް، މެމްބަރު ޤައުމުތަކުން އެ ޤައުމުތަކުގެ ސަލާމަތީ ޚިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން އެކިއެކި ސްޓްރެޓެޖީތައް އެކަށައެޅުމާއި ޓެކްނޮލިޖީގެ އެހީތެރިކަން ބޭނުންކޮށްގެން ބޮޑެތި ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން ކުރެވޭނެ ކަންކަމާމެދުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެކަމަށް ޕޮލިހުން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/14785184997864.jpg|އިންޓަރޕޯލްގެ 85 ވަނަ ޖެނަރަލް އެސެމްބްލީ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް މީޑިއާ

މީގެ އިތުރުން ޤައުމުތަކުގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅިގެން މިހާރަށްވުރެ ހަރުދަނާ ކަމާއެކު ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް އެފަދަ މަސައްކަތްތައް ގެންދެވޭނެ ގޮތުގެ އުޞޫލުތަކެއްވެސް މިއަހަރުގެ އެމްބެލީގައި ކަނޑައެޅިގެން ދާނެކަމަށް ޕޮލިހުން މަޢުލޫމާތުދެއްވައެވެ. 

އިންޓަރޕޯލް މެމްބަރު ޤައުމުތަކުގެ ފުލުހުންގެ އެންމެ އިސްވެރިންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ މިއެސެމްބްލީގައި މިއަހަރު އިންޓަރޕޯލްގެ މެމްބަރު 164 ޤައުމަކުން 830 ފުލުސް އޮފިސަރުން ބައިވެރިވެއެވެ.