ޚަބަރު

މާދަމާގެ ޖަލްސާއަށް ބަޖެޓް އެޖެންޑާކޮށްފި


އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތު ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށައެޅުމަށް އެޖެންޑާކުރައްވައިފިއެވެ.

ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށައެޅުމާއެކު މާދަމާއިން ފެށިގެން ބަޖެޓުގެ ބަހުސް ފަށްޓަވާނެއެވެ. ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާ ދުވަހު ބަހުސް ފަށާގޮތަށް މަޖިލީހުގެ ޤަވާއިދު މިދިޔަ އަހަރުގެ ތެރޭގައި ވަނީ އިސްލާހުކުރައްވާފައެވެ. ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާނީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރެވެ. ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށްފަހު ކޮންމެ މެމްބަރަކަށް 15 މިނެޓްގެ ވަގުތެއް ބަހުސް މަރުހަލާގައި ދިނުމަށް ޢާންމު ކޮމިޓީން އިއްޔެ ވަނީ ފާސްކުރައްވާފައެވެ. އަދި ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ކޮމިޓީން ނިންމަވާފައިވެއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ 26 ބިލިއަން ރުފިޔާއެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން މިދިޔަ އަހަރު ފާސްކުރައްވާފައިވާ ބަޖެޓުގެ ޢަދަދަކީ 27.45 ބިލިއަން ރުފިޔާއެވެ. މާދަމާގެ ޖަލްސާއަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށައެޅުމަށް އެޖެންޑާކޮށްފައި މިވަނީ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެހަފްތާ ފަހުންނެވެ. މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރު އޮކްޓޫބަރު މަހުގެ 6 ގައި ފަށާފައިވާއިރު މިހާތަނަށް މިދައުރުގައި ބާއްވާފައިވަނީ 5 ޖަލްސާއެވެ.