ޚަބަރު

ޖަމްޢިއްޔާތަކާ އެހީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ދެއްވުމަށް ހަމަޖައްސަވާފައިވާ ފައިސާގެ އެހީ ޖަމްޢިއްޔާތަކާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. 

ޖަމިއްޔާތަކަށް އެހީ ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޤަފޫރެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޤަފޫރު ވިދާޅުވީ، ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅި ސަތޭކަ އަށާވީސް ޖަމްޢިއްޔާގެ ތެރެއިން ތޭރަ ޖަމްޢިއްޔާއަށް ފައިސާހަވާލުކުރެއްވީ، އެޖަމްޢިއްޔާތަކުން ހުށައަޅާފައިވާ ޕްރޮޖެކްޓްތަކުގެ ފެންވަރަށް ބެއްލެވުމަށްފަހުކަމަށެވެ. 

އެގޮތުން އެ ތޭރަ ޖަމްޢިއްޔާއިން ހުށައަޅާފައިވާ ކަންކަމުގެ ތެރާގައި އިދާރީ ހިންގުން ހަރުދަނާކުރުމާއި، މުވައްޒަފުން އިތުރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކުގައި ޙިއްސާވުމާއި، ޤައުމުގެ އެއްބައިވަންތަކަމުގެ ރޫހު އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އެހީ ލިބުނު ތޭރަ ޖަމްޢިއްޔާގެ ތެރެއިން އެގާރަ ޖަމްޢިއްޔާއަކީ އަތޮޅުތަކަށް ނިސްބަތްވާ ޖަމްޢިއްޔާތައްކަމަށާއި،  ދެ ޖަމްޢިއްޔާ އަކީ މާލެއަށް ނިސްބަތްވާ ޖަމްޢިއްޔާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މި ހުރިހާ ޖަމްޢިއްޔާއަކުންވެސް  ފައިސާގެ އެހީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އަތޮޅުތަކުގައި ހިންގާ ތަފާތު މަޝްރޫޢުތަކަށްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. 

މިއަހަރު 2.2 މިލިއަން ރުފިޔާ ޖަމްޢިއްޔާތަކަށް ދެއްވިނަމަވެސް، ކުރިއަށް އޮތްތަނުގައި ޖަމްޢިއްޔާތަކަށް ދެއްވާ ފައިސާގެ އެހީ ބޮޑުކުރެއްވުމަށް މިނިސްޓްރީން މަސައްކަތްކުރައްވާނެކަމަށްވެސް ސްޓޭޓް މިނިސްޓާރ ޔޫސުފް ޢަބްދުލްޤަފޫރު ވިދާޅުވިއެވެ.ޖަމްޢިއްޔާތަކަށް ފައިސާގެ އެހީ ދީފައިވަނީ، ޖަމްޢިއްޔާތަކުން ހުށައެޅި ޕްރޮޕޯޒަލްތައް ފަސް މެމްބަރުން ހިމެނޭ ކޮމިޓީއަކުން އިންސާފްކުރުމަށްފަހުއެވެ. އެކޮމިޓީގައި ހިމެނެނީ ޔޫތު މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ޔޫއެންޑީޕީގެ އިތުރުން ހޯމް މިނިސްޓްރީގެ ބޭފުޅުންނެވެ.