ޚަބަރު

ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގައި ނުރައްކަލާކުރިމަތިވަނީ!


ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކުގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހުން މަރުވެ އެތައް ބައެއް ޒަޚަމްވެއްޖެއެވެ.

އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކުގެ ވައި ނުސާފުވުމުގެ ސަބަބުން ހިނގި އެކްސިޑެންޓްތަކެއްގައި ތިން މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. 

މީގެ ތެރެއިން އެއް ޙާދިސާ ހިނގާފައިވަނީ އިންޑިއާގެ ހަރްޔާނާ ސްޓޭޓްގެ ރޮހްތަކް ޑިސްޓްރިކްޓްގައި ކާރަކާއި ޓްރަކެއް ޖެހިގެންނެވެ. އަދި މިހާދިސާގައި ތިން މީހުން މަރުވެ، އެތައް ބަޔެއް ޒަހަމްވިކަމަށް އޮފިޝަލުން ބުނެއެވެ. 

ވައި ނުސާފުވުމާއި ގުޅިގެން އުއްތަރް ޕްރަދޭޝްގެ ރާމްޕޫރް ޑިސްޓްރިކްޓްގައިވެސް ވަނީ ބަހަކާ، ޓްރަކެއް ޖެހިވެސް އެކްސިޑެންޓެއް ހިނގާފައެވެ. މިއެކްސިޑެންޓްގައި މީހަކު މަރުނުވިނަމަވެސް ގަތްގަޑަކަށް ވިއްސަކަށް މީހުން ޒަޚަމްވިކަމަށް މަޢުލޫމާތުލިބެއެވެ. 

ފާއިތުވި  އޮކްޓޫބަރު މަހުގައި ތިރީސް ވަނަ ދުވަހު ދިވާލީ ފާހަގަކުރި ފަހުން އިންޑިއާގެ އެކި ސަރަޙައްދުތަކުގައި، ޚާއްސަކޮށް ނިއުދެއްލީގައި ވަނީ ވައި ނުސާފުވުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައެވެ. އިންޑިއާގެ އުތުރު ސަރަޙައްދުތަކުގައި ވައި ތަޣައްޔަރުވުމުގެ މައްސަލަ އިތުރަށް ގޯސްވެފައިމިވަނީ ޕަންޖާބް އަދި ހަރްޔާނާގެ ދަޑުވެރިން ދަޑުބިންތައް އެންދުމުގެ މަސައްކަތްކުރަމުން ދާތީކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކުގައި މަގުތައް މައްޗަށް ނުކުންނަ މީހުން ވަކުނުކުރެވޭ ވަރަށް ވައި ނުސާފުވެ، އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ.

މިކަމާއި ގުޅިގެން ބޭއްވި ކުއްލި އެމަޖަންސީ ބައްދަލްވުމަކަށްފަހު ވާހަކަދައްކަވަމުން ދެއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކޭޖްރިވާލް ވިދާޅުވީ މިކަމަށް ޙަލެއް ގެނައުމުގެ ގޮތުން އެކި ފިޔަވަޅުތައް އެޅުމަށް ރޭވިފައިވާކަމަށެވެ. މިގޮތުން ކުރިޔަށް އޮތް ފަސްދުވަހުގެ ތެރޭގައި ދިއްލީގެ އެއްވެސް ސަރަހައްދެގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެކަމަށާ، އަސާސީ ބޭނުންތަކަށް ނޫން ގޮތްގޮތަށް ޑީސަލް ޖެނެރޭޓަރު ބޭނުންކުރުންވެސް ކުރިޔަށް އޮތް ދިހަ ދުވަހަށް މަނާކޮށްފައިވާކަމަށެވެެ. 

އަދި މަގުތަކަށް ފެންޖެހުމުގެ މަސައްކަތްވެސް ކުރާނެކަމަށް ކޭޖްރިވާލް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ބަދަރްޕޫރް ޕަވަރ ޕްލާންޓްވެސް ކުރިޔަށް އޮތް ދިހަ ދުވަހަށް ބަންދުކުރާނެކަމަށާ ކުރިޔަށް އޮތް ދިން ދުވަހަށް ސްކޫލްތައްވެސް ބަންދުކުރަން ނިންމާފައިވާކަމަށެވެ. ނިއުދެއްލީއަކީ ދުނިޔޭގެ ނިސްބަތުންވެސް ވައި ތަޣައްޔަރުވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ސިޓީއެވެ. އޮފިޝަލް އިދާރާތަކުން ބުނާގޮތުގައި މިއީ މިދިޔަ ސަތާރަ އަހަރުގެ ތެރޭގައިވެސް އިންޑިއާގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވި އެންމެ މަތިފަހަރެވެ.