އެފްރިކާ ބައްރުގައި ބާއްވާ ފުރަތަމަ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކެންޔާގެ ވެރިރަށް ނައިރޯބީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ވޯލްޑް އެތުލެޓިކްސް އިން 2029 ވަނަ އަހަރުގެ ޗެމްޕިއަންޝިޕް ނައިރޯބީގައި ބޭއްވުމަށް ނިންމާފައިވަނީ ހަންގޭރީގެ ބުޑަޕެސްޓްގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމަކަށް ފަހުއެވެ. މިބައްދަލުވުމުގައި 2031 ވަނަ އަހަރުގެ އެޑިޝަން ޖަރުމަނުވިލާތުގެ މިޔުނިކްގައި ބޭއްވުމަށްވެސް ވޯލްޑް އެތުލެޓިކްސްއިން ވަނީ ނިންމާފައެވެ.
ނައިރޯބީގައި މި ޗެމްޕިއަންޝިޕް ބޭއްވުމަށް ކެންޔާއިން ވަނީ 2025 ވަނަ އަހަރު ބޭއްވި އިވެންޓަށް ބިޑް ކުރި ނަމަވެސް އެފަހަރު އެކަން ކާމިިޔާބުވީ ޖަޕާނުގެ ޓޯކިޔޯއަށެވެ. މިހާތަނަށް ކެންޔާގެ ވެރިރަށުގައި ބާއްވާފައިވަނީ 2017 ވަނަ އަހަރު ބޭއްވި 18 އަހަރުން ދަށުގެ ޗެމްޕިއަންޝިޕާއި 2021 ވަނަ އަހަރު ބޭއްވި 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕެވެ. 2029 ވަނަ އަހަރުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ނައިރޯބީގެ ކަސަރާނީ ސްޓޭޑިއަމްގައެވެ. މިސްޓޭޑިއަމް މިހާރު އަންނަނީ 2027 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތަށް މަރާމާތު ކުރަމުންނެވެ.
ވޯލްޑް އެތުލެޓިކްސްގެ ރައީސް ސެބަސްޓިއަން ކޯއެ ބުނީ ކެންޔާއަކީ އެތުލެޓިކްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ޤައުމު ކަމަށެވެ. އަދި މިފަހަރު ނައިރޯބީއިން ހުށަހަޅާފައިވަނީ ވަރަށް ރަނގަޅު ބިޑެއް ކަމަށާއި އެދި އެހެން ކަމުން މިމުބާރާތުގެ ތާރީޚުގައި އެފްރިކާ ބައްރުގައި ބޭއްވޭ ފުރަތަމަ މުބާރާތް 2029 ވަނަ އަހަރު ނައިރޯބީގައި ބޭއްވުމަށް ނިންމާފައިވާކަން ކޯއެ ފާހަގަ ކުރިއެވެ.
2031 ވަނަ އަހަރު މިޔުނިކްގައި ބާއްވާ ޗެމްޕިއަންޝިޕް ބާއްވާނީ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އަދި މިއީ 2009 ވަނަ އަހަރު ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި މިޗެމްޕިއަންޝިޕް ބޭއްވުނު ފަހުން އެޤައުމަށް މިއިވެންޓު ގެންދެވޭ ފުރަތަމަ ފަހަރެވެ. މަޢުލޫމާތު ލިބޭގޮތުގައި މިދެ އިވެންޓްވެސް ބާއްވާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއަންނަ އަހަރު ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.