ޚަބަރު

ދުނިޔޭގެ އެންމެ ދުވަސްވީ ބޯޓް ރާއްޖެއައިސްފި


ދުނިޔޭގެ އެންމެ ދުވަސްވީ ރިޔާނެގި ބޯޓް "ސޯލެންޑެޓް" ރާއްޖެއައިސްފިއެވެ. 

1927 ވަނަ އަހަރު އުފެއްދި މި ބޯޓް ރާއްޖެއައިސްފައިވަނީ އިއްޔެއެވެ. މި ބޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފުލޯޓިންގ ހައިސްކޫލެކެވެ. ނޯރވޭގައި ބަނދެ ނިމުމަށްފަހު ޒުވާން ނެވިން ތަމްރީނުކުރަމުން ދިޔަ މި ބޯޓަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންދާ ފުލޯޓިންގް ހައިސްކޫލެކެވެ. 

ސޯލެންޑެޓް ގެ ނަމުން މަޝަހޫރުވެފައި ވާ މި ބޯޓަކަކީ އެހެން ހައި ސްކޫލްތަކުގައި ކިޔަވައިދޭގޮތަށް އެހެންނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގޮސް ދަރިވަރުންނަށް އަމަލީ ތަޖްރިބާއާއި ތާރީހާއި ސަގާފަތް ދަސްކޮށްދޭގޮތަށް ދަތުުރުކުރާ ބޯޓެކެވެ. މި ބޯޓު ރާއްޖެއައިސްފައި މިވަނީ ސްރީލަންކާއަށް ދިއުމަށްފަހުއެވެ. މި ބޯޓުގައި 51 ދަރިވަރުންނާއި، 7 ޓީޗަރުނާއި 12 ފަޅުވެރިން އެބަތިއްބެވެ. އަދި މި ބޯޓުގައި ދަރިވަރުން އަހަރަކު 200 ދުވަސް، ތައުލީމް ހާސިލްކުރުމުގައި ހޭދަކުރެއެވެ. މި ބޯޓް ރާއްޖެ އައުމާ ގުޅިގެން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ޙާއްސަ ދައުވަތަކަށް، ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް އާއި ރާއްޖޭގައި ތިއްބަވާ ބައެއް ސަފީރުންވަނީ މި ބޯޓަށް ޒިޔާރަތްކުރައްވާފައެވެ. 

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މި ބޯޓުގެ ކެޕްޓަން ސްޓިއުރާޑް އެރިކްސަން ވިދާޅުވީ މި ބޯޓަކީ ކުރިން ސެއިލަރުން ތަމްރީކު ކުރަމުން ދިޔަ ބޯޓެއްކަމަށެވެ. އެހެންނަމަވެސް މިހާރު މި ބޯޓު ހައިސްކޫލަކަށް ބަދަލުކޮށް އެހެން ހައި ސްކޫލްތަކުގައި ކިޔަވައިދޭގޮތަށް ހުރިހާ މާއްދާތަކެއް ދަރިވަރުން ކިޔަވަމުންގެންދަވާކަމަށެވެ. 

މި ބޯޓު ރާއްޖެއައިސްފައިވާއިރު، ސްރީލަންކާ އަދި ރާއްޖެއަށް ނޯވޭއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޫރުބިއޮން ގައުސްޓާޑްސަޓޭޑް ވިދާޅުވީ މި ބޯތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނަށް ހަޔަރ ސްޓަޑީސް ފޯރުކޮށްދެމުންދާ ބޯޓެއްކަމަށެވެ. އަދި މި ހައިސްކޫލަށް ކޮންމެ މީހަކަށްވެސް އެޕްލައިކުރެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ. 

މި ބޯޓުގައި ހައި ސްކޫލްދަރިވަރުންނަށް ކިޔަވާދޭތާ މިހާރު 6 އަހަރު ވަނީ ވެފައެވެ. މި ބޯޓަކީ ނޯވޭގެ އާސާރީ ބޯޓެއްގެ ގޮތުގައި ބަލަމުން އަންނަ ބޯޓެކެވެ.