ޚަބަރު

ބަޖެޓަށް ބަހުސްކުރުމަށް މެމްބަރަކަށް 15 މިނެޓް


2017 ވަނަ އަހަރަށް ލަފާކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބަޖެޓުގެ ބަހުސްގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓް ދެއްވާގޮތަށް މަޖިލީހުގެ ޢާންމު ކޮމިޓީން މިއަދު ފާސްކުރައްވައިފިއެވެ. 

ޢާންމު ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅުއްވާފައިވާ ބަޖެޓުގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް ވާހަކަ ދެއްކުމަށް 15 މިނެޓްގެ ވަގުތު ދޭގޮތަށް ކޮމިޓީގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައިވާކަމަށެވެ. އަދި ބަޖެޓް ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށްހުށައަޅާ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށް 7 މިނެޓްގެ ވަގުތެއް އެރުވުމަށް ނިންމާފައިވާކަމަށް މުޤައްރިރު ވިދާޅުވިއެވެ. 

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ހުށައެޅުއްވި މި ހުށައެޅުމަށް ތާޢީދުކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީން އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޙުސައިން މަނިކު ދޮންމަނިކުއެވެ. އަދި ކޮމިޓިން މި ހުށައެޅުން ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 26 ބިލިއަން ރުފިޔާއެވެ.