ސިޔާސީ

ޕީޕީއެމްގެ ޕްރައިމަރީ މިމަހު 25 ވަނަ ދުވަހު ބާއްވަނީ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށް، މިމަހު 25 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އަންނަމަހުގެ އެއްވަނަދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރެއްވުމާއި ގުޅިގެން، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށައެޅުމުގެ މުއްދަތުވެސް މިމަހުގެ އެކާވީސްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. އެގޮތަށް އެޕާޓީން ނިންމީ ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ ޓިކެޓް ހޯދުމަށް ހުޅުވާލި މުއްދަތު ކުރުވެފައި، އެހެނިހެން ބައެއް ދަތިތައްވެސް ކުރިމަތިވުމުންކަމަށް ޚަލީލް ވިދާޅުވިއެވެ. އެންމެ ބޮޑު ދައްޗަކަށް ދިމާވީ ކުރު މުއްދަތެއްގެ ތެރޭގައި މެމްބަރުންގެ ލީގަލް ފޯމް ފުރުންކަން ޚަލީލް ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14784433864370.jpg|ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ޚަލީލް ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ

އެއް ކެނޑިޑޭޓަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ދާއިރާތަކުގެ ޕްރައިމަރީ މިމަހުގެ ފަންސަވީސް ވަނަ ދުވަހު ބާއްވާނެކަމަށްވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިޢުލާންކުރައްވާފައެވެ. އެގޮތުން ޕްރައިމަރީ ބާއްވަން ޖެހޭ ކޮންމެ ދާއިރާއަކާއި ރަށެއްގައި ވޯޓު ފޮށްޓެއް ބަހައްޓާނެކަމަށާއި، ކޮންމެ އަތޮޅަކަށް ވޯޓު ފޮށްޓެއް މާލެގައިވެސް ބަހައްޓާނެކަމަށް ޚަލީލް ވިދާޅުވިއެވެ. 

ޚަލީލް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމަށް އެދި އިއްޔެގެ ނިޔަލަށް ފަސްސަތޭކައަށް ވުރެ ގިނަ ފޯމް އެޕާޓީގެ އޮފީހަށް ހުށަހަޅާފައިވާކަމަށެވެ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޕާޓީގެ ހިންގުމާ މުސްތަޝާރު ރައީސް ޢަބްދުﷲ ޔާމީން ހަވާލުވެވަޑައިގެންނެވި ފަހުން ޕާޓީއަށް ވަންނަން އެދޭ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ. އެމަނިކުފާނު ޕާޓީ ހިންގުމާއި ހަވާލުވެވަޑައިގެންނެވިފަހުން މިކުރު މުއްދަތުގެ ތެރޭގައި މުޅިން އަލަށް ދެހާސް ފަސްސަތޭކަ ފޯމް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާ ބޮޑު ތަރުހީބެއް ޕާޓީއަށް ލިބެމުންދާތީ، ޕީޕީއެމްއަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ އަސަރު ޕާޓީއަށް ކޮށްފައިވަނީ ވަރަށް ކުޑަކޮށްކަން އެނގިގެންދާކަމަށްވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.