މާލެއާއި ކޮލޮމްބޯއާއި ދެމެދު މެގަމޯލްޑިވްސްއިން ފެށި ދަތުރުތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް މެގަމޯލްޑިވެސް ގެ ކޯފައުންޑަރ އަދި ވައިސް ޕްރެޒިޑެންޓް ސްޓެޓަޖީ ޑިވެލޮޕްމެންޓް މިފްޒާލް އަޙްމަދު ވިދާޅުވެއްޖެއެވެ.
މެގަމޯލްޑިވްސްއިން މާލެއާއި ކޮލްމްބޯއާއި ދެމެދު ހަފްތާއަކު 3 ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މެގަމޯލްޑިވްސް އިން ބުނެއެވެ. މެގަމޯލްޑިވްސް އިން ރާއްޖެއާއި ކޮލަމްބޯއާއި ދެމެދު ދަތުރުތައް މިހާރު ވަނީ ފަށާފައެވެ. މެގަމޯލްޑިވްސް އިން ކޮލޮމްބޯއަށް ދަތުރުކުރަން ފެށި ފުލައިޓަކީ 300 މީހުންގެ ޖާގައިގެ ފްލައިޓެއް ކަމަށް މެގަ މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. ރާއްޖެއާއި ކޮލޮމްބޯއާއި ދެމެދު ފެށިގެންދިޔަ ޝެޑިއުލް ދަތުރާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މެގަމޯލްޑިވެސް ގެ ކޯފައުންޑަރ އަދި ވައިސް ޕްރެޒިޑެންޓް ސްޓެޓަޖީ ޑިވެލެޕްމެންޓް މިފްޒާލް އަޙްމަދު ވިދާޅުވީ ކޮލަމްބޯއަށް މިފެށި ދަތުރުތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ސްކޫލް ބަންދާ ދިމާކޮށް އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ވިސްނަމުން ގެންދަވާކަމަށް މިފްޒާލް ވިދާޅުވިއެވެ.
"މިވަގުތު ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދޭ މިމާކެޓަށް. ޑިސެމްބަރ މަހު ސްކޫލް ބަންދާ ދިމާކޮށް ގިނަމީހުން ފޯނުކުރައްވާފައި އެބަ އަށްސަވާ ޓިކެޓްގެ ވާހަކަ. އަދި ޓިކެޓް ބައްލަވައިގަންނަވަމުންދޭ." މިފްޒާލް ވިދާޅުވިއެވެ.
ކޮލޮމްބޯ މާލޭގެ ދަތުރަށް ބޮޑު ތަރުހީބެއް ލިބެންދާ ކަމަށް މިފްޒާލް ވިދާޅުވިއެވެ. އަދި ބަންދާ ދިމާކޮށް ކޮލޮމްބޯއާއި މާލެއާއި ދެމެދު އަދިވެސް ޝީޓް ލިބެން އެބަހުރި ކަމަށާއި، އިތުރު ފްލައިޓް ދަތުރުތަކެއް ކުރުމުގެ އެއްވެސް ކަހަލަ ޕްލޭނެއް ނެތް ކަމަށެވެ. އެހެންނަމަވެސް ބަންދާ ދިމާކޮށް އިތުރު މަންޒިލްތަކަށް ދަތުރު ކުރަން އުންމީދުކުރާ ކަމެކެވެ.
ކޮލޮމްބޯއާއި ދެމެދު ދަތުރުތައް ފައްޓަން ނިންމި ސަބަބާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން މިފްޒާލް ވިދާޅުވީ ސްކޫލް ބަންދާ ދިމާކޮށް ކޮލަމްބޯއަށް ދާމީހުންގެ ޑިމާންޑް މަތިވާ ކަމަށާއި އަދި މެގަ މޯލްޑިވްސްއިން ފެށި މި ދަތުރަކީ ހެޔޮ އަގެއްގައި ދިވެހިންނަށް ލަންކާއަށް ދަތުރު ކުރެވޭނެ ގޮތަށް އިންތިޒާމްކޮށްފައިވާ ދަތުރެއް ކަމަށެވެ. އަދި މި އެއާލައިން އިން ދިވެހިން ބޭނުންވާ މެހެމާންދާރީ ލިބިގެންދާނެ ކަމަށް މިފްޒާލް ވިދާޅުވިއެވެ.
"ކޮލޮމްބޯއަށް ދަތުރު ފެށި މައިގަނޑު އެއްސަބަބަކީ ރާއްޖެއާއި ކޮލޮންބޯއާއި ދެމެދު ސްކޫކް ބަންދާ ދިމާކޮށް ވަރަށް ޑިމާންޑް މަތިވޭ. އަދި ގިނަ ބަޔަކު ވަރަށް ބޭނުންވާ މަންޒިލެއް މި ކޮލޮންބޯއަކީ އެހެން ނަމެވެސް ޓިކެޓް އަގު ބޮޑުވުމް ވަޑައިގަންނެވޭނެ މީހުން މަދުވާނެ.އެހެންކަމުން އަޅުގަނޑުމެން ބޭނުންވީ ދިވެހިން ބެނުންވާ ދިވެހި އެއާރލައިނެއް ގޮތުގައި ދިވެހިންބޭނުންވާ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ލަންކާއަށް މިދަތުރު ކުރަނީ." މިފްޒާލް ވިދާޅުވިއެވެ.
މެގަމޯލްޑިވްސް އިން ކޮލޮންބޯއަށް މި ފެށި ދަތުރުގަ ބައިވެރިވި ބައެއް މީހުންނާއި ވާހަކަ ދައްކާލުމުން އެމީހުން ބުނީ އަގުހެޔޮކޮށް ދަތުރު ކުރުމުގެ ފުރުޞަތު ލިބުމުން އެކަމާއި އުފާކުރާ ކަމަށެވެ.
މެގަމޯލްޑިވްސް އިން ރާއްޖެއާއި ކޮލޮންބޯއަށް ދެމެދު ދަތުރުކުރި ފުރަތަމަ ފްލައިޓްގެ ޓިކެޓް ބައްލަވައިގެން ބޭފުޅުންގެ މެދުގައި ވަނީ ލަކީޑްރޯއެއް ނަގާފައެވެ. އަދި، 1 ވަނަ ނަސީބްވެރިޔާއަށް ދެ މީހެއްގެ ލަންކާ ދެކޮޅު ޓިކެޓް ދީފައިވެއެވެ. މިއަހަރު ނިމެންވާއިރަށް މެގަމޯލްޑިވްސްއިން ދަތުރުކުރާ މަންޒިލްތަކުގެ ޢަދަދު 8 އަށް އިތުރުކުރާނެ ކަމަށް އެ އެއަރލައިން މަޢުލޫމާތުދެއެވެ.