ހަރުދަނާ ޒުވާން ލީޑަރުން ބިނާކުރުމަށް ޔޫތް މިނިސްޓްރީން އިސްނަންގަވައިގެން ކުރިއަށް ގެންދެވި ލީޑަރޝިފް ޓްރެއިނިންގ ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދެއްވައިފިއެވެ.
މިކަމަށްޓަކައި ގިރިފުށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ޒުވާނުން ބާރުވެރިކުރުވާ އެމީހުން ހުނަރުވެރި ކުރުވުމަކީ މުހިންމު ކަމެއް ކަމަށް، ހަރުދަނާ ޒުވާން ލީޑަރުން ބިނާކުރެއްވުމަށް ޔޫތް މިނިސްޓްރީން ކުރިއަށް ގެންދަވާ ލީޑަރޝިފް ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އަދި ކަންކަމަށް އިސްނެގުމުގެ ރޫހާއެކު މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލު ކުރުމުގައި ބައިވެރިކުރުމަކީ މުހިންމު ކަމެއް ކަމަށާއި ޒުވާނުން ބާރުވެރިކޮށް ޤާބިލް ބަޔަކަށް ހެދުމަށް ބޭނުންވަނީ ތަމްރީނާ އިސް މީހުންގެ މަގުދެއްކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި ޕްރޮގްރާމްގެ އިތުރުން އެޑްވާންސް ޕްރޮގްރާމެއް ކުރިއަށް ގެންދަވަން ވިސްނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހި ޒުވާނުން ބާރުވެރި ކުރުމަށްޓަކައި ކުރިއަށްގެންދެވި ލީޑަރޝިފް ޓްރެއިނިންގ ޕްރޮގްރާމްގެ ބޭނުން ކޮންމެ ދާއިރާއެއްގައި ނަމަވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް މިނިސްޓަރ ގޮވާލައްވާފައިވެއެވެ. ކޮންމެ އަހަރަކު 500 ޒުވާން ލީޑަރުން ބިނާކުރެއްވުމަށް ސަރުކާރުން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ލީޑަރޝިފް ޓްރެއިނިންގ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައްވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެއް ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ސަރުކާރުގެ ވުޒާރާތަކުންނާއި ބައެއް އޮފީސް ކުންފުނިތަކުން ޖުމްލަ 35 ފަރާތަކުން ބައިވެރިވެފައިވެފައިވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، އިސްލާމީ ރިވެތި އުޞޫލުތައް ދަސްކޮށްދިނުމާއި ބައިވެރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އަށަގެންނެވުމާއި ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި ހަރުދަނާ ނަފުސެއް ބިނާކުރަން ދަސްކޮށްދިނުމެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދީ ހަރުދަނާ ނަފުސެއް ބިނާކުރާނެ ގޮތްތަކާއި، ލައިފް ސްކިލްސް ޓްރެއިނިންގ އާއި ފަޔަރ ފައިޓިންގ އަދި ބޭސިކް ފަސްޓްއެއިޑް ކިޔަވައިދީފައިވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.