ޚަބަރު

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އަންނަ މަހުގެ އެއްވަނަދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރައްވައިފިއެވެ. 

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކުރިން ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ ފަނަރަވަނަދުވަހެވެ. 

އިލެކްޝަންސް  ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކުރެއްވީ  ގިނަ ސިޔާސީ ޕާޓީތަކަކުން އެކަމަށް އެދެމުންދާތީ  ކޮމިޝަންގެ ބައްދަލަވުމުގައި މިއަދު މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ. 

ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު އަށަކުން ތިނަކަށް ފޯމް ބަލައިގަންނަމުންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން  ވިދާޅުވެއެވެ. 

އަންނަ ޖެނުއަރީ މަހުގެ ސާދަވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޖުމްލަ ހަ ސަތޭކަ ފަންސާސް ތިން ކައުންސިލަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ރަށު ކައުންސިލަރުންގެ ގޮތުގައި 563، އަދި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 67 ކައުންސިލަރުން އިންތިހާބުކުރާނެއެވެ. އަދި  ތިން ސިޓީއަށް ތޭވީސް ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.