ތަޢުލީމު

މަޖީދިއްޔާ ސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި


މަޖީދިއްޔާ ސްކޫލުން ސާނަވީ ތަޢުލީމް ހާސިލްކޮށް, މިއަހަރު އެސްކޫލާއި ވަކިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

2016 ވަނަ އަހަރު މަޖީދިއްޔާ ސްކުލް ގްރޭޑް 10 ގައި ތައުލީމް ހާސިލުކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ޖަލްސާގައި، ސައިންސް ސްޓްރީމް، ބިޒްނަސް، ބީޓެކް ސްޓްރީމްގެ އިތުރުން ދަސްވާރު ޕްރޮގްރާމްގެ ދަރިވަރުންވަނީ ގްރެޖުއޭޓްވެފައެވެ. އަދި ގްރޭޑް 10 ގެ ދަރިވަރުންގެ ތެރެއިން ޑިސިޕްލިން އެވޯޑް ހިމެނޭހެން މި ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ޙަވާލުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު އެކި މުއައްސަސާތަކުގައި އިސްމަޤާމުތައް އަދާކުރައްވަމުން ގެންދަވާ މަޖީދިއްޔާ ސްކުލްގެ މުސްކުޅި ދަރިވަރުންނެވެ.

މިއަހަރު މަޖީދިއްޔާ ސްކޫލުގެ އިސްމަޤާމުތައް ފުރި ދަރިވަރުންނަށް ޓްރޮފީ ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ޖަލްސާގެ ޝަރަފްވެރި މެހެމާން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަން އަދި މަޖީދިއްޔާގެ މުސްކުޅި ދަރިވަރެއް ކަމުގައިވާ ޢަލީ އިޙްސާން ވަނީ އޭނާގެ ތަޢުލީމީ ދައުރާއި އަދާކުރި ވަޒީފާތަކުގެ ތަޖުރިބާއިން ބައެއް ދަރިވަރުންނާ ޙިއްސާކުރައްވާފައެވެ.  

އެގޮތުން އިޙްސާން ކިޔެވި ދުއްވަސްވަރު އެކި ބޭފުޅުން ދެއްކެވި ވާހަކަތަކުން ލިބިލެއްވި އިބުރަތާއި، ދެއްވި ނަސޭހަތުގެ ބޭނުން ހިއްޕެވި ގޮތް ދަރިވަރުންނަށް ކިޔައިދެއްވިއެވެ. އިޙްސާން ވިދާޅުވީ، ގްރޭޑް 10، ނުވަތަ ގްރޭޑް 12 ނިމުނު ނަމަވެސް ދިރިއުޅުމުގެ އެއްވެސް ވަގުތުކޮޅެއް ބޭކާރު ނުކުރުމާއި، އަދި ތައުލީމީ ދާއިރާއިން ދެވެން އޮތް އެންމެ މަތީ ހަރުފަތަކަށް ދަތުކުރުމަށް ހިތްވަރާއި އެކު މަސައްކަތް ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެވަޑައިގެންނެވިއެވެ.

މަޖީދިއްޔާ ސްކޫލުން މިއަހަރު ގްރޭޑް 10 ނިންމި ދަރިވަރުންނާއި މުޚާތަބު ކުރައްވަމުން، ސްކޫލުގެ ޕްރިންސިޕަލް އާޢިޝަތު މުޙައްމަދު ސޯލިޙް ވަނީ އޯލެވެލްގެ ޓޮޕް 10 ގައި ނުހިމެނު ދަރިވަރުންވެސް އުންމީދު ދޫކޮށް ނުލުމަށް ގޮވާލައްވާފައެވެ. މި ޖަލްސާގައި މަޖީދިއްޔާ ސްކޫލަށް 30 އަހަރު އަގުހުރި ޚިދުމަތްތައް ކުރެއްވި ޓީޗަރަކަށާއި، 18 އަހަރު ޚިދުމަތް ކުރެއްވި ޓީޗަރަކަށް ވަނީ، އެކަމުގެ އަގުވަޒަންކޮށް ސްކޫލުގެ ފަރާތުން ޝިލްޑް އަރުވާފައެވެ.

މަޖީދިއްޔާ ސުކޫލަކީ މިހާރު ޕްރައިމަރީ، އަދި ސެކަންޑްރީ ގްރޭޑްތަކަށްވެސް ކިޔަވައިދޭ ސްކޫލެކެވެ. ރާއްޖޭގެ މަޝްޙޫރު، އަދި މަޤްބޫލު އެއްތަށް ޝަޚުސިއްޔަތުތަކެއްގެ ތަޢުލީމީ މަރުހަލާގެ ބިންގާއަޅައިދިން ފަޚުރުވެރި މަޖީދިއްޔާ ސްކޫލަށް އަންނަ އަހަރު 90 އަހަރު ފުރޭނެއެވެ.