ކުޅިވަރު

ޤައުމީ ވޮލީ ލީގުގައި ސިފައިން ކުޅުނު ފުރަތަމަ މެޗް ކަމިޔާބުކޮށްފި


މޯލްޑިވިއަން 2 ސެޓް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުންއަރާ 3 ސެޓް ކާމިޔާބުކޮށްގެން އަލްމުދިޝް ޤައުމީ ވޮލީ ލީގުގައި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. 

މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް ސިފައިން މެޗް ކާމިޔާބުކުރީ 3 ސެޓް 2 ސެޓުންނެވެ. މެޗްގެ ފުރަތަމަ 2 ސެޓް ވާދަވެރި ކުޅުމަކަށްފަހު މޯލްޑިވިއަން ކާމިޔާބުކުރީ 25-22، 25-22 އިންނެވެ. ޖެހިގެން އައި 3 ސެޓް ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ 25-15، 25-18 އަދި 15-13 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ކްލަބްގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖީހާނެވެ.

ޤައުމީ ވޮލީ ލީގުގެ ފިރިހެންބައިގެ ފުރަތަމަމެޗް ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ.

ޕޮލިސް ކުލަބް މިމެޗް ކާމިޔާބުކޮށްފައިވަނީ ސްޕޯޓްސްކުލަބް ސީޓީއާރ ވާދަކޮށް ސީދާ 3 ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ޕޮލިސް ކުލަބްގެންދިޔައީ 27-25، 25-18 އަދި 25-11 އިންނެވެ.. މިމެޗްގެމޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް މުހައްމަދު ޝާއީންއެވެ. އަދި ދެވަނަ މެޗް ސްޕޯޓްސް ކްލަބް ގުޑީޒްއާ ވާދަކޮށް ފަސޭހަކަމާއެކު ސީދާ ތިންސެޓުން ކާމިޔާބުކުރީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ. މެޗްގެ ސެޓްތައް ސްޓެލްކޯ ކާމިޔާބުކުރީ 25-9، 25-15 އަދި 25-8 އިންނެވެ. އެމެޗްގެ މޮޅު ކުޅުންތެރިއަކީ ސްޓެލްކޯގެ ޙަސަން ނިލާމެވެ.

މުބާރާތުގެ ކުޅުން ކުރިޔަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. ލީގުގެ މެޗްތައް ހަވީރާއި ރޭގަނޑު ޒުވާނުންގެ މަރުކަޒުގެ ކޯޓުގައި އަންނަނީ ކުޅެމުންނެވެ.