ދުނިޔެ

އެމެރިކާގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އަލްޤައިދާއިން ޙަމަލާއެއް


އެމެރިކާގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އަލްޤައިދާ ޖަމައަތުން ޙަމަލާއެއްދޭން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ.

އެމެރިކާގެ ސަރުކާރުން ބުނީ އިންތިޚާބު ބާއްވާ ދުވަސްވަރާ ދިމާކޮށް އަލްޤައިދާ ޖަމާޢަތުން ޙަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމަތު ލިބިފައިވާ ކަމަށާއި، މިކަމަށް ސަމާލުވުމަށް ނިއު ޔޯކް، ޓެކްސަސް އަދި ވާޖިނިއަރގެ ކަމާއިބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުއެވެ. ފެޑަރަލް އޮފިޝަލުންގެ މި އިންޒާރާއި ގުޅިގެން އެމެރިކާގެ އެކި ސަރަޙައްދުތަކުގެ ސަލާމަތީ ބާރުތައް މިހާރުވަނީ އެލާޓައް އައިސްފައެވެ.

އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ތްރެޓް ލެވެލް ދަށްނަމަވެސް މިފަދަ ޙަމަލާއެއް ދީފާނެކަމުގެ މަޢުލޫމަތު ފެޑަރަލް އެޖެންސީތަކަށް ލިބުމުން، އެކަން ކަމާއިބެހޭ ފަރާތްތަކަށް އެންގީކަމަށެވެ. އަދި އެއީ ކަމެއް ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެންގި އެންގުމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެމެރިކާގެ ސަރުކާރަށް ލިބިފައިވަނީ ކޮންކަހަލަ ޙަމަލާއެއް ދޭންއުޅޭ ކަމުގެ މައުލޫމާތު ކަމެއް، އަދި މީގެ އިތުރު ތަފްސީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން އިތުރަށް ތަހްޤީޤުކޮށް، އެކި އިދާރާތައް އެކުގައި މަސައްކަތް ކުރަމުންނެވެ.