ޚަބަރު

ޔޫއެސް އޯޕަންގެ ފައިނަލުން ޒުވަރޭވް ޖާގަހޯދައިފި


  • ޒުވަރޭވް ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ހަޗަނޯވް ތިން ސެޓުން ބަލިކޮށްގެން

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލްގެ ފުރަަތަމަ ޖާގަ އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ކަށަވަރު ކޮށްފިއެވެ.

މިމުބާރާތުގެ ފައިނަލުން ޒުވަރޭވް ޖާގަހޯދާފައިވަނީ ސެމީ ފައިނަލްގައި ރަޝިއާގެ ކަރެން ހަޗަނޯވާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗު ސީދާ ތިން ސެޓުން ޒުވަރޭވް ކާމިޔާބު ކުރި ނަމަވެސް މިމެޗު ވެގެންދިޔައީ އޭނާއަށް އެހާ ފަސޭހަ މެޗަކަށް ނޫނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ޒުވަރޭވް ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓު އޭނާއަށް ކާމިޔާބު ކުރަން ޖެހުނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. ޓައި ބްރޭކްގައި ޒުވަރޭވް ކުރި ހޯދީ ނުވައެއް ހަތަކުންނެވެ. އަދި ފަހު ސެޓު އަނެއްކާވެސް ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. މި ޓައި ބްރޭކް އޭނާ ކާމިޔާބު ކޮށްފައިވަނީ އަށެއް ހަޔަކުންނެވެ.

މިކާމިޔާބީ އާއެކު ޒުވަރޭވް މިވަނީ މިސީޒަންގައި ޖެހިޖެހިގެން ގްރޭން ސްލޭމް ތިންވަނަ ފައިނަލަށް ދަތުރު ކޮށްފައެވެ. ޒުވަރޭވްގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ގްރޭން ސްލޭމް މުބާރާތަކަށް ވެގެންދިޔައީ މިސީޒަންގެ ފްރެންޗް އޯޕަންއެވެ. އަދި އޭގެ ފަހުން ވިމްބަލްޑަންގެ ފައިނަލްގައި ވާދަކޮށްފައިވެއެވެ. ވިމްބަލްޑަންގައި އޭނާވަނީ ފައިނަލްގައި ޔަނިކް ސިނަރ އަތުން ބަލިވެފައެވެ. މިމުބާރާތުގެ ފައިނަލްގައި ޒުވަރޭވް ބައްދަލުކުރާނީ އެމެރިކާގެ އުންމީދުތައް ގުޅިފައިވާ ދެ ކުޅުންތެރިން ކަމަށްވާ އަށް ވަނައަށް ސީޑު ކުރެވިފައިވާ ބެން ޝެލްޓަން އާއި އެގާރަ ވަނައަށް ސީޑު ކުރެވިފައިވާ ފްރަންސިސް ޓިއަފޯ ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒުވަރޭވް ބުނީ ފައިނަލް މެޗު ވަރަށް ހާއްސަ ވާނެ ކަމަށާއި އެންމެ ބޮޑު އެއް ސަބަބަކީ އެމެޗުގައި އެމެރިކާގެ ކުޅުންތެރިއެއް ވާދަކުރާނެތީ ކަމަށާއި ސަޕޯޓަރުންގެ ތާއީދު އޮންނާނީ އެކުޅުންތެރިޔަކަށް ކަން އެނގޭ ކަމަށެވެ. މިއީ ޔޫއެސް އޯޕަންގެ ފައިނަލްގައި ޒުވަރޭވް ވާދަ ކުރާނެ ދެވަނަ ފަހަރެވެ. 2020 ވަނަ އަހަރުގެ ފައިނަލްގައި ޒުވަރޭވް ވަނީ ޑޮމިނިކް ތިއެމް އަތުން ބަލިވެފައެވެ.

ފިރިހެން ޓެނިހުގެ ދުނިޔޭގައި ފަހަކަށް އައިސް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސިނަރ އާއި ކާލޯސް އަލްކަރާޒްއަށް ފަހަކަށް އައިސް ކުރިމަތިވެފައިވާ އަނިޔާ ތަކުގެ ފައިދާ ޒުވަރޭވް ވަނީ ވަރަށް ރަނގަޅަށް ހިފާފައެވެ. މިގޮތުން މިމުބާރާތުގައިވެސް ސިނަރއަށް އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު އިރު އަލްކަރާޒް މިމުބާރާތާއި ކުރިމަތިލާފައިވަނީ ހަތަރު މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ. އެހެން ކަމުން ސިނަރ އާއި އަލްކަރާޒް އަނިޔާއިން މުޅިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމާއެކުވެސް ޒުވަރޭވަށް މިގޮތުގައި ހިފަހައްޓާލެވިދާނެތޯ މިއީ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ. ނަމަވެސް މިވަގުތަށް ބަލާއިރު މިފަހަރުގެ އޫއެސް އޯޕަން ކާމިޔާބު ކުރުން އެންމެ ގާތީ ޒުވަރޭވް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.