ޚަބަރު

އޯޓިޒަމް ހުންނަ ކުއްޖެއް ކިޔާފައިވާ މަދަހަ ސީޑީއެއް ނެރެފި


އުމުރުން 14 އަހަރުގެ އަޙްމަދު ނަބީހު ކިޔާފައިވާ މަދަހަ އަލްބަމް "އަހަރެންގެ ދަތުރު" ލޯންޗުކޮށްފިއެވެ.

ނަބީހުގެ މަދަހަ އަލްބަމް "އަހަރެންގެ ދަތުރު" ލޯންޗްކޮށްފައިވަނީ ރޭ ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މައުމޫން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ބޭއްވި މިޙަފްލާ ޝަރަފްވެރިކޮށްދެއްވާ ސީޑީ ލޯންޗްކޮށްދެއްވީ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫންއެވެ.   

ނަބީހާ ނަބީޙުގެ ޢާއިލާ ގިނަދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށް ހެދުމުގައި އެހީތެރިވެދިނީ ޑރ. ފަރުޒާނާގެ އާއިލާއާއި މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއްގެ ދެ ވަނަ މަޤާމް ޙާސިލްކުރި ޝަލަބީ އިބްރާހިމްއެވެ. ނަބީޙް ކިޔާފައިވާ 6 މަދަހައެއް މިސީޑީގައި ހިމެނޭއިރު، މީގެ ތެރޭގައި އަމިއްލަ ރާގަކަށް ކިޔާފައިވާ މަދަހައެއްވެސް ހިމެނެއެވެ. ނަބީހުގެ ޢާއިލާއިން ބުނާ ގޮތުގައި މިމަދަހަ އަލްބަމް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލުތަކަށް ހިލޭ ބެހުމަށް ޢާއިލާއިން ވަނީ ނިންމާފައެވެ. އަދި މުސްތަޤްބަލުގައި ނަބީޙުގެ ޤުރުއާން ސީޑީއަކާއި މަދަހަ ސީޑީއެއް އުފެއްދުމަށް ވިސްނަމުންދާކަމަށްވެސް ނަބީހުގެ ޢާއިލާއިން ބުނެއެވެ.

ނަބީޙް ވަނީ ޤައުމީ ޤުރުއާނާއި މަދަހަ މުބާރާތްތަކުގައި ވެސް ބައިވެރިވި ރަންވަނަތަކެއް ހޯދާފައެވެ. އޭނާ މިހާރު ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. ޢާއިލާގެ އުންމީދަކީ ނަބީޙް ޙާފިޒަކަށް ހެދުމެވެ.

ރޭ ސީޑީ ލޯންޗްކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ނަބީޙް ފަދަ ހުނަރުވެރި ކުއްޖެއްގެ ހުނަރު ތަރައްޤީގެ ދަތުރުގައި ބައިވެރިވެވުމުން އެކަމާއި އުފާ ކުރައްވާކަމަށެވެ. ދުންޔާ ވިދާޅުވީ އޯޓިޒަމްގެ އުނދަގޫ ތަޙައްމަލް ކުރަމުންދާ ކުދިންގެ މިފަދަ ހުނަރު ތަރައްޤީ ކުރުމަށް އެކުދިންނާއި އެކުދިންގެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ މިކަންކަމަށް ހޭލުންތެރި ކުރުވުން ވަރަށް މުހިންމު ކަމަށެވެ.

"މިފަދަ ކުދިންގެ ޢާއިލާތަކަކީ ވަރަށް ބުރައުފުލާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން އެކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ބައެއް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހުރިހައި އެންމެން އެބަޖެހޭ އިތުރު މަސައްކަތްތަކެއް ކުރަން، މިކަހަލަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން. އޯޓިޒަމް ހުންނަ ކުދިންގެ މައިންބަފައިންނަކީ، އެކަށީގެންވާ ސަޕޯޓް ނުލިބޭ ކަމުގައިވެއްޖިއްޔާ ވަރަށް އެކަނިވެރިބައެއް. އެހެންކަމުން މުޅި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، އިޙްތިރާމާއި އަޅާލުން އިތުރުކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެބޭނުންވާ ތެރަޕީތަކާއި، ހުނަރާއި ތަމްރީންގެ ކަންކަން އެބަ ހަރުދަނާ ކުރަން ޖެހޭ." ދުންޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިސްއެބިލިޓީ އެމްބެސެޑަރ އަޙްމަދު ހިސާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު އޯގާތެރިވެ، އެކުދިންނަށް ބޭނުންވާ އެކި އެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަގޮތެއް ސަރުކާރުން ހަމަޖައްސަވައިދެއްވަން ވާނޭކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް އެކުދިންނަށް ސީދާގޮތެއްގައި އެކި ޚިދުމަތްދޭ ފަރާތްތަކަށް ތަފާތު އެކި އިނާޔަތްތައް ހަމަޖައްސަވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. 

"އޯގާތެރި ހިތަކުން ސަރުކާރާއި މަޖިލިސް މެމްބަރުން މިކުދިންނަށް ދިމާއަށް ބަލާލަން އެދެން. އޯގާތެރިހިތަކުން ބަލާލުމަކީ މިކުދިންނަށް ލިބޭ އިނާޔަތްތައް ބޮޑުކޮށްދީ މައިންބަފައިންނަށްވެސް އިނާޔަތެއް ހަމަޖައްސައިދިނުން. އަދި މިކުދިންނަށް ކިޔަވައިދޭ ދާއިމީ ޓީޗަރުންނަށް ރިސްކް އެލަވެންސް ދޭ އުޞޫލުން ވަގުތީ ގޮތުން ޙަރަކާތްތެރިވާ ޓީޗަރުންނަށާއި މިކުދިންގެ ކްލާސްތަކުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ މަސައްކަތު މީހުންނަށް ރިސްކް އެލަވަންސެއް ލިބެންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލްކުރަން. އަޅުގަނޑުގެ ނަޒަރުގައި އެއީ ޝަރަފުވެރި، އަޅުގަނޑު ވަރަށް އިހްތިރާމް ކުރާބައެއް. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަކީ އެހެން ޓީޗަރުންނާއި ޚިލާފަށް ވަރަށް ދަތިކޮށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުން. އެހެންކަމުން އެބޭފުޅުންނަށް ޚާއްޞަ އިނާޔަތެއްދެއްވުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން" ހިސާން ވިދާޅުވިއެވެ.                                 

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ތައްލީމް ޙާޞިލް ކުރަމުންދާ ނަބީހުގެ މަދަހަ ސީޑީ ލޯންޗް ކުރުމަށް ބޭއްވި މިޙަފްލާގައި، އިމާދުއްދީން ސްކޫލްގެ އިސްވެރިންނާއި ،ޓީޗަރުންނާއި،އޯޓިޒަމް އެސޯސިއޭޝަނާއި،ނަބީހުގެ ޢާއިލާއާއި، މިސީޑީ އުފެއްދުމުގައި ނަބީޙްގެ ޢާއިލާއަށް އެހިތެރިވެދިން ފަރާތްތަކާއި،ނަބީޙްގެ ތަރައްޤީއަށް އެކި ގޮތް ގޮތުން އެހީތެރިވެދޭ ގިނަ ޢަދަދެއްދެ ބޭފުޅުން ބައިވެރިވިއެވެ.