ޚަބަރު

މަގު ހެދުމުގެ މަޝްރޫޢުތައް އަންނަ މާޗުމަހު ނިމޭނެ- އެމްއާރުޑީސީ


އަތޮޅުތެރޭގެ ރަށްރަށުގެ މަގުތައް ހެއްދެވުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ސަރުކާރުވަނީ ގިނަ ރަށްތަކެއްގެ މަސައްކަތް އެއްފަހަރާ ފަށްޓަވާފައެވެ. މިދިޔަ މަހުގެ ތެރޭގައިވެސް 7 ރަށެއްގެ މަސައްކަތް ފަށްޓަވާފައިވާއިރު، މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދައެއްވެސް އަންނަނީ ކުރައްވަމުންނެވެ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، އެމްއާރްޑީސީން މިހާރު މަސައްކަތް ފަށާފައިވާ 11 ރަށުގެ މަސައްކަތް އަންނަ މާރޗް މަހު ނިމޭނެ ކަމަށެވެ. 

މަގު ހެދުމުގެ މަޝްރޫއުތައް މިހާރު ކުރިއަށްދާ ރަށްރަށަކީ، ހއ. ދިއްދޫ، ހދ.ކުޅުދުއްފުށި، ރ. މީދޫ، ރ. އުގޫފާރު، ބ.އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ.ވިލުފުށި، ގއ. ވިލިގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލަކެވެ.

img:http://s2.psmnews.mv/images/660x400/14702407141731.jpg|ހައްދުންމަތީ ބޮޑު މަގު

މި ރަށްރަށުގެ ތެރެއިން ގިނަ ރަށްރަށުގެ 95 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މީގެ އިތުރުން ހދ ހަނިމާދޫގެ މަގުތައް ހެއްދެވުމުގެ މަސައްކަތް އެ ރަށުގެ ނަރުދަމާގެ މަސައްކަތް ނިމުމުން ފަށްޓަވާނެކަމަށާއި، ހަނިމާދޫގެ އެއަރޕޯޓަށް ދިޔުމަށް ދަތުރުކުރާ "ދަންޑެހެލު މަގު"ގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އަބްދުއްރައްޒާގް ފާހަގަކުރެއްވިއެވެ. މިހާރު އަމަލީ މަސައްކަތް ކުރިއަށްދާ އެގާރަ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 560 މިލިއަން ރުފިޔާ ޚަރަދު ކުރައްވައެވެ.