ތަޢުލީމު

މިނިސްޓަރ ބ އަތޮޅުގެ 6 ސްކޫލަކަށް ޒިޔާރަތްކުރައްވައިފި


ބ އަތޮޅުގެ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ހަ ރަށެއްގެ ސްކޫލަށް ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ބ އަތޮޅު ދަރަވަންދޫ، މާޅޮސް، އޭދަފުށި، ތުޅާދޫ، ހިތާދޫ އަދި ފުޅަދޫ އަށް ވަޑައިގެން އެރަށުގެ ސްކޫލް އިސްވެރިންނާއި މުވައްޒަފުންނާއި އަދި ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވާފައިވެއެވެ. މިނިސްޓަރ މި ދަތުރުފުޅުގައި ސްކޫލްތަކުގައި ހިންގަމުންދާ ބީޓެކް އަދި ޓިވެޓް ޕުރޮގްރާމާ ބެހޭ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ދެއްވާފައިވެއެވެ. މީގެ އިތުރުން ތަރުބަވީ ތައުލީމާ ބެހޭ ޙާއްސަ ސެޝަނެއް މި ސްކޫލްތަކުގައި ނަންގަވާދެއްވާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ބ އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން ބ ފެހެންދޫ ސްކޫލުން ގޮއިދޫ ސްކޫލަށް ކިޔަވަން އަންނަ ދަރިވަރުންނަށް ޙާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ހަވާލުކޮށްދެއްވާނެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދު ބ އަތޮޅުގެ އިތުރު 3 ރަށެއްގެ ސްކޫލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ރާއްޖޭގެ ސްކޫލްތަކަށް މިނިސްޓަރ ސިލްސިލާކޮށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއީ އެކަމަނާ ދަތުރުކުރައްވާ އެންމެ ފަހު އަތޮޅެވެ.