ޓޭބަލް ޓެނިހާ އައު ކުޅުންތެރިން ގުޅި، މޮޅެތި ހުނަރުވެރި އެތުލީޓުންތަކެއް ރާއްޖޭގައި އުފެދޭތަން ފެނުމަކީ ކުރާ އުންމީދެއްކަމަށް ޓީޓީގައި ފިޔަޖަހަމުން އަންނަ ތަރި އައިޝަތު ރަފާ ނާޒިމް ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރަފާ މިހެން ބުނެފައިވަނީ ޓީޓީ ކުޅޭއިރު މައިގަނޑު ގޮތެއްގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ރާއްޖޭގައި މިކުޅިވަރު ކުޅޭ ކުދިންގެ އަދަދުމަދުވުންކަމަށް ފާހަގަކުރަމުންނެވެ. ރަފާ ބުނެފައިވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވާއިރު، ރާއްޖޭގައި ޓީޓީ ކުޅޭ ކުޅުންތެރިން މަދުވުމުން މެޗު ޕްރެކްޓިސްތައް ލިބޭ ވަރު މަދުވުމާ އެކި ސްޓައިލްތަކަށް ކުޅޭ ކުޅުންތެރިންނާ ވާދަކޮށްލުމުގެ ފުރުސަތު ހަނިވާކަމަށެވެ.
"ކުރިންވެސް ރަފާ ބުނަން އަދި މިހާރުވެސް ވަރަށް އުނދަގުވޭ ކުޅުންތެރިން މަދުވީމަ ނޫނީ ކުޅޭ ސްޓައިލްސް މަދުވީމަ. އެހެންވީމަ މެޗު ޕްރެކްޓިސްތައް ނުލިބޭ. މިސާލަކަށް އެހެން ޤައުމުތަކުންދާ ކުދިންނަށް ވަރަށް ގިނަ މެޗުތައް ކުޅެލަން ލިބިފަ ހުންނަނީ. އެހެންވީމަ އެބައި ތަންކޮޅެއް ލެކިން ކަންނޭނގެ" ރަފާ ބުންޏެވެ.
ޤައުމީ ޓީޓީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މިމަހު ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރުމަށެވެ. އޮލިމްޕިކް ގޭމްސްއަށްފަހު، އެކި ކުޅިވަރުތައް ހިމެނޭހެން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތުގައި މިއަހަރު 1500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. އެހެންކަމުން މިމުބާރާތަކީ ރާއްޖޭގެ ޓީޓީ މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ މުބާރާތެއްކަމަށް ކާމިޔާބު އެތުލީޓު ފާހަގަކުރިއެވެ.
ރާއްޖޭގައި ޓީޓީ ކުޅުންތެރިން މަދުވުމުން ގެއްލިގެންދާ މެޗު ތަޖުރިބާތައް މާފުރިހަމަކަމާއެކު، އޭޝިއަން ގޭމްސްއިން ލިބޭނެކަން ފާހަގަކުރަމުން ޒުވާން އެތުލީޓް ބުނީ މިމުބާރާތުގެ ތެރެއިން ތަފާތު ކުޅުންތެރިންނާ ވާދަކޮށްލާ، އެކި ސްޓައިލްތަކުގެ ކުޅުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެގެންދިއުމަކީ ކުޅުންތެރިންގެ ކުރިއެރުމަށް ލިބިގެންދާނެ މުހިންމު ތަޖުރިބާއަކަށްވާނެކަމަށެވެ.
"އެކަމަކު އެ ސިޗުއޭޝަންގެ ގޮތުން (ރާއްޖޭގައި ކުޅުންތެރިން މަދުވުން) ރަފާމެންވެސް ޓްރައިކުރަންޖެހޭނެ އެކަން އޯވަރކަމް ކުރެވޭތޯ އެހެންގޮތްގޮތުން. ދެން ހޯޕްފުލީ އޭޝިއަން ގޭމްސްއަކީވެސް މިކަހަލަ މެޗު ޕްރެކްޓިސް ލިބޭނު މުބާރާތަކަށްވާނެކަމަށް ރަފާ އުންމީދުކުރަނީ" ރަފާ ބުންޏެވެ.
މިއަހަރުގެ ޖުލައިމަހުގެ 27އިން އޮގަސްޓް 2އަށް އިންޑިއާގެ ދިއްލީގައި ކުރިއަށްދިޔަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގައި ވާދަކޮށް ހަތްވަނަ ޤައުމަށް ގެނެސްދިން ޓީމުގައިވެސް ރަފާގެ ހިއްސާ ބޮޑުއިރު، އެމުބާރާތުގައި ޤައުމީ ޓީޓީ ޓީމުން ހޯދި ކާމިޔާބީއަކީ މިހާތަނަށް ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގެ އަށްވަނަ ރާއްޖޭގެ ފިރިހެން ޓީމުވެސް ހޯދާފައިވާއިރު، ގަދަ 10 އެއްގެ ޖާގަ ރާއްޖޭން ހޯދި މިމުބާރާތުގައި 25 ޤައުމަކުން ކުޅުންތެރިން ވާދަކޮށްފަވާކަން ފާހަގަކޮށްލެވެއެވެ.