އަސްލު ނަމުގައި ޕީ.ޕީ.އެމުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ތައްޔާރަވަމުންދާ ޖަލްސާގައި ހަމަނުޖެހުން ހިންގުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް އެޕާޓީގެ ސެކެރަޓަރީ ޖެނެރަލް ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޑރ.ހަލީލު ވިދާޅުވީ ޕީ.ޕީ.އެމްގެ މުސްތަޝާރު ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިޔާސީ އެއްވުމަށް ކަމަށެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ޕީ.ޕީ.އެމް އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށާއި، ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން އެއްވެސް ކަހަލަ އަމަލެއް ހިންގާނަމަ ސަލާމަތީ ބާރުތަކުން އެކަން ވަރަށް ރަނގަޅަށް ބައްލަވާ ފިޔަވަޅު އަޅުއްވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ. އަދި ސަލާމަތީ ބާރުތަކުން އަޅާ އެއްވެސް ފިޔަވަޅަކަށް ޕީޕީއެމުން ޒިންމާ ނުވާނެކަމަށްވެސް ޑރ.ހަލީލު ވިދާޅުވިއެވެ.
މާދަމާރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވާކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ޕީޕީއެމުން މިއަދު ވަނީ ދޮގުކޮށްފައެވެ. ޕީޕީއެމްގެ ތަރުޖަމާން އަލީ އާރިފް ވިދާޅުވީ އެޕާޓީން މާދަމާރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އެއްވެސް ފަރާތަކަށް މަޖުބޫރުކުރުވާފައި ނުވާނޭކަމަށެވެ.
ޕީޕީއެމުން ކުރިން ބޭނުންކުރަމުން ދިޔަ އޮފީސް ހ.ތެމާގައި އެޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން ލިޔުމާއި އެ ނޫންވެސް ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް ޑރ.ހަލީލް ގޮވާލެއްވިއެވެ. އަދި އެއީ އެއްވެސް ހާލެއްގައި ރައީސް ޔާމީނަށް ތާޢީދު ކުރާ އެއްވެސް ފަރާތަކުން ބަލައިގަންނާނެކަމެއް ނޫންކަމަށް ވެސް ޑރ.ޚަލީލު ވިދާޅުވި.
އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމުން ވަމުންދާ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޑރ.ޚަލީލު ވިދާޅުވީ ކެނޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އެގޮތުން ރޭގެ ނިޔަލަށް 350 ފަރާތަކުން ފޯމުހުށައަޅާފައިވާކަމަށާއި ރަށްރަށުން ކުރިމަތިލާ ފަރާތްތަކުގެ ފޯމްތައްވެސް ވަނީ ލިބުމުގެ މަގުމަތީގައިކަމަށް ހަލީލް ވިދާޅުވިއެވެ.