ޚަބަރު

މިއަހަރު މިހާތަނަށް 50 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން ހޯދި


މި އަހަރުގެ މިހާތަނަށް 50 ކިލޯ އާ ގާތްކުރާ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، 8.1 ކިލޯގެ ހެރޮއިން، 7.5 ކިލޯގެ ކެނިބިސް އައި 5.1 ކިލޯގެ ކޮކެއިން ގެ އިތުރުން 28 ކިލޯގެ ހަޝިޝް އޮއިލްއެވެ. އަދި 1 ކިލޯގެ މެތަފެޓަމިން އަތުލައިގަނެފައިވާ ކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތުދެއްވައެވެ.

27 ފަހަރު މަތިން އަތުލައިގަނެވުނު މި 50 ކިލޯގެ މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 32 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު ޢަދަދެކެވެ. ނިމިދިޔަ އަހަރު މިމުއްދަތާއި ހަމައަށް 8 ފަހަރެއްގެ މަތިން 6.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ފުލުހުންނާއި ގުޅިގެން ކަސްޓަމްސްއިން ހިންގެވި އޮޕަރޭޝަންތަކުގައި 22 މީހަކުވަނީ ހައްޔަރު ކުރައްވާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިންގެވި އޮޕަރޭޝަންތަކުގެ ތެރެއިން 8 މީހަކު ހައްޔަރު ކުރައްވާފައިވެއެވެ.