ލ. މާބައިދޫގައި ކުރިއަށްދިޔަ ދިވެހި ސާފް ލީގުގެ މުބާރާތެއް ކަމަށްވާ ކެރަންދޫ 2026 ގެ ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދައިފިއެވެ. މި މުބާރާތުގެ ދެ ކެޓަގަރީއެއްގެ ޗެމްޕިއަންކަން ޔަސިން ވަނީ ހޯދައިފައެވެ. އެއީ މެންސް އޯޕަން އަދި ޖޫނިއާ އޯޕަން ކެޓަގަރީއެވެ.
މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން ހޯދީ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހަންނާންއާ ވާދަކޮށް 3.43 ގެ ސްކޯއަކުން ހީޓު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް ހީޓުގައި ޔަސިން އަށް މުޅިއެކު 16.00 ގެ ސްކޯއެއް ލިބުނުއިރު، އިނާންއަށް ލިބުނީ 12.57 ގެ ސްކޯއެކެވެ. ޔަސިން އެންމެ މަތިން ސްކޯކުރީ ތިންވަނަ ރާޅު އަދި ހަތަރުވަނަ ރާޅުގައެވެ. ތިންވަނަ ރާޅުގައި 9.00 ގެ ސްކޯއެއް ހެދިއިރު، ހަތަރުވަނަ ރާޅުގައި 7.00 ގެ ސްކޯއެއް ހެދިއެވެ.
އިނާން އެންމެ މަތިން ސްކޯކުރީ ފަހެއް އަދި ހަވަނަ ރާޅުގައެވެ. ފަސްވަނަ ރާޅުގައި 5.07 ސްކޯކުރިއިރު، ހަވަނަ ރާޅުގައި 7.50 ސްކޯކުރިއެވެ.
މި މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ޔަސިން ހޯދީ ވެސް ފައިނަލް ހީޓުގައި އިނާން ބަލިކޮށްގެންނެވެ. ޖޫނިއާ ފައިނަލް ޔަސިން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ތަފާތަކުންނެވެ. ފައިނަލް ހީޓުގައި ޔަސިން މުޅިއެކު 15.00 ސްކޯކުރިއިރު، އިނާން އަށް ސްކޯކުރެވުނީ 12.00 އެވެ.
ފައިނަލް ހީޓުގައި ޔަސިން އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ހަތަރުވަނަ ރާޅުގައެވެ. ދެވަނަ ރާޅުގައި 8.00 ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި 7.00 ސްކޯކުރިއެވެ.
އިނާން އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ހަތްވަނަ ރާޅުގައެވެ. ދެވަނަ ރާޅުން 6.83 ސްކޯކުރިއިރު، ހަތްވަނަ ރާޅުގައި 5.17 ސްކޯކުރިއެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އަލީ ޖާވިދު (ޖާއްޓެ) އެވެ. ފައިނަލް ހީޓުގައި ޖާއްޓެއަށް މުޅިއެކު 15.50 ގެ ސްކޯއެއް ލިބުނުއިރު، މުހައްމަދު ނިފާޒް އަށް ލިބުނީ 12.17 ގެ ސްކޯއެކެވެ.
މި ފަހަރުގެ މުބާރާތުގައި ބޮޑީބޯޑިން ކެޓަގަރީ ހިމެނީ ލ. އަތޮޅަކީ ބޮޑީބޯޑަރުން ގިނަ އަތޮޅަކަށްވުމުން ކަމަށް ސާފިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.