އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ހަތަރު ވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އަރީނާ ސަބަލެންކާ އާއި ތިން ވަނައަށް ސީޑު ކުރެވިފައިވާ ޖެސިކާ ޕެގޫލާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ 4 ވަނަ ބުރުން ބެލަރޫސްގެ ސަބަލެންކާ ޖާގަހޯދީ ތިންވަނަ ބުރުގައި އުޒްބެކިސްތާންގެ ކަމީލާ ރަހިމޯވާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. ލުއިސް އާމްސްޓްރޯންގ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު 6-3 އިން ސަބަލެންކާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ. މިކާމިޔާބީއާއެކު ސަބަލެންކާ ވަނީ ފުލަޝިންގ މެޑޯސްގައި އެންމެ ފަހުން ކުޅުނު 16 މެޗު ކާމިޔާބު ކޮށްފައެވެ. އެންމެ ފަހުން ބޭއްވި ޔޫއެސް އޯޕަންގެ ދެ މުބާރާތުގައިވެސް އަންހެން ޗެމްޕިއަންކަން ހޯދާފައިވާ ސަބަލެންކާ މިމުބާރާތުގައި މަސައްކަތް ކުރަނީ 2014 ވަނަ އަހަރު ސެރީނާ ވިލިއަމްސް މިމުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރިފަހުން މިމުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ސަބަލެންކާ ވާދަކުރާނީ މިމުބާރާތުގައި ފަނަރަ ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑައާނާ ޝުނައިޑަރ ދެސެޓު އެއް ސެޓުން ބަލިކުރި އެމެެރިކާގެ ޓޭލަރ ޓައުންސެންޑާއެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން އެމެރިކާގެ ޕެގޫލާ ޖާގަހޯދީ ތިންވަނަ ބުރުގައި ތިރީސް އެއްވަނައަށް ސީޑު ކުރެވިފައިވާ ކެނެޑާގެ ލޭލާ ފެނާންޑޭޒް އާއި ބައްދަލުކުރި މެޗު ފަހަތުން އަރާ ދެސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު 6-1 އިން ކާމިޔާބު ކޮށްފައިވަނީ ފެނާންޑޭޒްއެވެ. ނަމަވެސް މިމެޗުގެ ފަހު ދެސެޓު ޕެގޫލާ ކާމިޔާބު ކޮށްފައިވަނީ 6-4 އަދި 6-3 އިންނެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ޕެގޫލާ ބައްދަލުކުރާނީ ސޯޅަ ވަނައަށް ސީޑު ކުރެވިފައިވާ ރުމޭނިއާގެ ސޮރާނާ ސަރސްޓިއާއާއެވެ. ސަރސްޓިއާ ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ނަވާރަ ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ އާއި ބައްދަލުކުރި މެޗު 6-3 އަދި 6-3 އިން ކާމިޔާބު ކޮށްގެންނެވެ.
މީގެއިތުރުން އަންހެން ސިންގަލްސް އިވެންޓްގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ހަތް ވަނައަށް ސީޑު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ކަރޮލީނާ މުޗޯވާ ވަނީ ސައްބީސްވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ އެމާ ނަވާރޯ އާއި ބައްދަލުކުރި މެޗުން ސީދާ ދެސެޓުން ބަލިވެފައެވެ. އަދި ޔޫކްރެއިންގެ މާޓާ ކޮސްޓްޔުކް އާއި އެކަޓެރީނާ އެލެގްޒެންޑަރ ބައްދަލުކުރި މެޗު ހައެއް ތިނެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްފައިވަނީ ކޮސްޓްޔުކްއެވެ.