ޚަބަރު

ނަސްރުގެ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އެއް ޖަމާޢަތުގައި ނަމާދުކުރުމަށްފަހު ދިިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނައަހަރު ދިވެހިރާއްޖެއަށް ބަޔަކު ދިން ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ އަށް ނަސްރު ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ސިފައިން މިއަދު ވަނީ އެއް ޖަމާޢަތެއްގައި ފަތިސްނަމާދުކޮށްފައެވެ. މިއަދު ހެނދުނު މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުލްއައުޒަމް، އިސްލާމީ މަރުކަޒުގައި ކުރެއްވި ފަތިސް ނަމާދުގައި ދިވެހި ސިފައިންގެ ގިނަބަޔަކު ބައިވެރިވެފައިވެއެވެ. ފަތިސް ނަމާދަށް ފަހު ނަސްރުގެ ދުވަހުގެ ހާއްޞަ ދުޢާއެއް ކުރުމާއި، ދީނީ ނަސޭހަތް ދިނުންވެސް ކުރިއަށްގެންދަވާފައިވެއެވެ. 

ނަސްރުގެ ދުވަހުގެ ޚާއްޞަ ދުޢާގައި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ދަމަހައްޓަވައި، ދިވެހި ޤައުމު ޚާއިނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި އަމްނު އަމާންކަން ދަމަހައްޓައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ އެންމެހައި ކަންތައްތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14781529764477.jpg|ސިފައިން މިއަދު ޖަމާއަތުގައި ފަތިސްނަމާދު ކުރަނީ / ފޮޓޯ: ޕީއެސްއެމް

ފަތިސް ނަމާދަށްފަހު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކުރިމަތީގައި ނަސްރުގެ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތާޢި، ގާޑް މޮމެންޓް ކުރުމުގެ ރަސްމިއްޔާތު ވެސް ވަނީ ބާއްވާފައެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ނަސްރުގެ ދުވަހުގެ ބިނާ ހުންނަ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުއެވެ.

މިރަސްމިއްޔާތުގައި ނޮވެމްބަރ ތިނެއްގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަވާފައިވެއެވެ. އަދި ސިފައިންގެ ޢަޒުމް އާކުރައްވާފައިވެއެވެ. ދިދަނެގުމުގެ މިރަސްމިއްޔާތުގެ ތެރެއިން 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޙާދިސާގައި ކޯފްރަލް ޙުސެއިން އާދަމް ޝަހީދުވިއިރު ހިފައިގެން ހުރި ބަޑި ދައްކާލުމާއި، ސިފައިންގެ މިއުޒިކަލް ހަރަކާތްތަކެވެސް ދައްކަލަފައިވެއެވެ.

ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ސިފައިން އެކުގައި ފަތިސް ނަމާދުކުރެއެވެ.