ޚަބަރު

ޖެކޯ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަނީ


  • ޖެކޯވަނީ ބޮސްނިއާ ޤައުމީ ޓީމަށް 151 މެޗު ކުޅެދީ 73 ލަނޑު ޖަހައިދީފަ

ބޮސްނިއާ އެންޑް ހެޒަގޮވީނާގެ ތަޖްރިބާކާރު ފޯވަޑް އެޑިން ޖެކޯ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާކަން ހާމަކޮށްފިއެވެ.

ބޮސްނިއާ ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ޖެކޯ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައެވެ. އުމުރުން 40 އަހަރުގެ ޖެކޯ ހާމަކުރިގޮތުގައި އޭނާ ބޮސްނިއާ ޓީމަށް ކުޅޭ ފަހު މެޗަކަށް ވާނީ މިއަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޔުއޭފާ ނޭޝަންސް ލީގުގައި ސްވިޑްން އާއި ދެކޮޅަށް ކުޅޭ މެޗެވެ. 2007 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެންފެށި ޖެކޯ ވަނީ ޤައުމީ ޓީމަށް ގާތް ގަނޑަކަށް 20 އަހަރު ކުޅެފައެވެ.

ޖެކޯ ބުނީ އޭނާގެ އެކިއަރުގައި ހޯދުނު އެއްވެސް ކާމިޔާބީއެއް ޤައުމީ ޓީމުގެ ޖަރޒީ ލުމުން ލިބޭ އުފަލާއި އަރާ ހަމަ ނުކުރެވޭނެ ކަމަށެވެ. އޭނާ ބުނީ ބޮސްނިއާ ޤައުމީ ޓީމަށް ކުޅުމަކީ އޭނާ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި ޤައުމީ ޓީމަށް ކުޅުނު 151 މެޗުގެ ތެރެއިން ކޮންމެ މެޗަކަށް ނިކުން އިރުވެސް އެހުވަފެން އޭނާ އާއެކު ވީ ކަމަށެވެ. އަދި ތުރުކީޔޭ އާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ކުޅުތާ މިހާރު ގާތް ގަނޑަކަށް 20 އަހަރު ވެއްޖެކަމަށްވެސް އޭނާ ބުންޏެވެ.

ޖެކޯ ބުނީ މި 20 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ބަދަލުވެއްޖެ ކަމަށާއި އޭނާވެސް ބަދަލުވެއްޖެ ކަމަށެވެ. ޤައުމީ ޖަރޒީއަށް އޭނާގެ ހިތުގައި ދެވިފައިވާ ލޯތްބަށް އެއްްވެސް ބަދަލެއް ނާންނަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ޤައުމީ ޓީމަށް ކުޅުން ހުއްޓާލަންވީ ވަގުތު އައިސް ޖެހިއްޖެކަން އިހްސާސް ކުރެވޭ ކަމަށާއި އުމުރުން 40 އަހަރު ވަންދެން ޤައުމީ ޓީމަށް ކުޅެވުން ރަމްޒުކޮށްދެނީ އޭނާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ޤައުމީ ޓީމަށް ކޮށްދެވުނުކަން ކަމަށް ޖެކޯ ބުންޏެެވެ.

ޖެކޯވަނީ ޤައުމީ ޓީމަށް މިހާތަަނަށް ކުޅެފައިވާ 151 މެޗުގައި 73 ލަނޑު ޖަަހައިދީފައެވެ. އަދި މިއާއެކު އޭނާއަކީ ބޮސްނިއާ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ އިތުރުން އެންމެ ގިނަ ލަނޑުވެސް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ޖެކޯ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބޮސްނިއާ ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން މިފަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައިވެސް 32 ޓީމުގެ ބުރަށް އެޓީމު ގެންގޮސްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ޖަރުމަނު ބުންޑެސްލީގާގެ ޝާލްކަރ ޒީރޯފޯއަށް ކުޅޭ ޖެކޯ ކުޅުން އެއްކޮށް ހުއްޓާލާކަން ހާމަކޮށްފައެއް ނުވެއެވެ. އޭނާވަނީ ކްލަބް ކެރިއަރުގައި ފާހަގަ ކޮށްލެވޭ ބައެއް ކްލަބްތައް ކަމަށްވާ އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީ، އިޓާލިއަން ސެރީއާގެ އިންޓަރ މިލާން އަދި އޭއެސް ރޯމާއަށް ކުޅެފައެވެ.