އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން އެމެރިކާގެ ކޯކޯ ގައުފް ޖާގަހޯދިއިރު ކެނެޑާގެ ފީލިކްސް އައުޖަރ އެލިއަސީމްގެ ނަސީބު ރަނގަޅެއް ނުވިއެވެ.
މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މިމުބާރާތުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ގައުފް ޖާގަހޯދީ ދެވަނަ ބުރުގައި ސްޕެއިންގެ ޕައުލާ ބަޑޯސާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ގައުފަށް ކާމިޔާބު ކުރެވިފައިވަނީ ޓައި ބްރޭކަކަށް ގޮސް 7-5 އިންނެވެ. މިކާމިޔާބީ އާއެކު މިމުބާރާތުގެ ތިންވަނަ ބުރުގައި ގައުފް ބައްދަލުކުރާނީ ސްޕެއިންގެ ކްރިސްޓީނާ ބުކްސާއާއެވެ.
މިމުބާރާތުގައި އަށްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝުވާޓެކްވެސް ވަނީ މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދާފައެވެ. ގްރޭން ސްލޭމް ހަ މުބާރާތް ކާމިޔާބު ކޮށްފައިވާ ޝުވާޓެކް ތިންވަނަ ބުރުން ޖާގަހޯދީ އާޖެންޓީނާގެ ނާޑިއާ ޕޮޑޮރޯސްކާ އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ހައެއް ތިނެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްގެންނެވެ. 2022 ވަނަ އަހަރު ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައިވާ ޝުވާޓެކް ތިންވަނަ ބުރުގައި ބައްދަލުކުރާނީ ޗެކް ރިޕަބްލިކްގެ މެރީ ބޮއުޒްކޯވާ އާއެވެ.
މީގެއިތުރުން މިމުބާރާތް ދެ ފަހަރަށް ކާމިޔާބު ކޮށްފައިވާ ޖަޕާންގެ ނައޯމީ އޮސާކާވެސް ވަނީ ތިންވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ތޭރަ ވަނައަށް ސީޑު ކުރެވިފައިވާ އޮސާކާ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކްގެ ކެޓެރީނާ ސިނިއަކޯވާ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ފަސޭހަ ކަމާއެކު އޮސާކާ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓުގައި ފަހެއް ތިނެއްގެ ލީޑެއްގައި އޮތުމާއެކުވެސް އޮސާކާއަށް އެސެޓު ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިސެޓު ސިނިއަކޯވާ ކާމިޔާބު ކޮށްފައިވަނީ ފަހެއް ހަތަކުންނެވެ. މިމެޗުގެ ތިންވަނަ ސެޓު އޮސާކާ ކާމިޔާބު ކުރީ ހައެއް އެކަކުންނެވެ. 2018 އަދި 2020 ވަނަ އަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާ އޮސާކާ ހޯދި މިކާމިޔާބީ އާއެކު އޭނާ ވެގެން ގޮސްފައިވަނީ ގްރޭން ސްލޭމް 80 މެޗު ކާމިޔާބު ކުރި ޖަޕާންގެ ދެވަނަ ކުޅުންތެރިޔާ އަށެވެ. މިޝަރަފު ހޯދި ޖަޕާންގެ ފުރަތަމަ ކުޅުންތެރިޔާއަކީ އައި ސުގިޔާމާއެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި އޮސާކާ ބައްދަލުކުރާނީ ތޭވީސް ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ އެލީސް މާޓެންސް އާއެވެ.
މިމުބާރާތުގެ ފިރިހެނުންގެ ސިންގަލްސް އިވެންޓަށް ބަލާލާއިރު ތިންވަނައަށް ސީޑު ކުރެވިފައިވާ ކެނެޑާގެ ފީލިކްސް އައުޖަރ އަލިއަސީމް ވަނީ ދެވަނަ ބުރުގައި ރަޝިއާގެ ކަރެން ހަޗަނޯވް އާއި ބައްދަލުކުރި މެޗުން ބަލިވެ މުބާރާތަށް އަލްވަދާއު ކިޔާފައެވެ. މިއާއެކު އަލިއަސީމް ވެފައިވަނީ މިފަހަރުގެ މުބާރާތަށް ފިރިހެނުންގެ ސިންގަލްސް އިން އަލްވަދާއު ކިޔަންޖެހުނު އެންމެ މަތިން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއައެވެ. ދެ ފަހަރެއްގެ މަތިން މިމުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާ އަލިއަސީމް ހަޗަނޯވް އަތުން ބަލިވެފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް އަލިއަސީމް ފަހެއް ހަތަކުން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ތިން ސެޓު ހަޗަނޯވް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް، ހައެއް ދެއެއް އަދި ހައެއް ދެއަކުންނެވެ. މިމެޗުގެ ދެވަނަ ސެޓުގެ މެދުތެރެއިން އަލިއަސީމަށް ކޮންމެވެސް ވަރެއްގެ އުނދަގޫ ތަކެއް ވަމުންދިޔަކަން ފާހަގަ ވެގެންދިޔައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އަލިއަސީމްބުނީ ދެވަނަ ސެޓުގެ މެދުތެރެއިން ފެށިގެން އޭނާއަށް ބޯއެނބުރުމުގެ އަސަރު ކުރި ކަމަށާއި އެހެން ކަމުން އޭނާއަށް މެޗުގެ ބާކީ ބައިގައި މާރަނގަޅަށް ނުކުޅެވުނީ ކަަމަށެވެ.
އަލިއަސީމްގެ އިތުރުން ތޭރަ ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ އާއި ވައިލްޑް ކާޑް އެންޓްރީއެއް ކަމަށްވާ އޮސްޓްރޭލިއާގެ ޑޭން ސްވީނީ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ސްވީނީއެވެ. މިމެޗުގެ ފުރަތަމަ ސެޓު ތިނެއް ހަޔަކުން މުސޭޓީ ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ތިން ސެޓު ސްވީނީ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކެއް، ހައެއް ދެއެއް އަދި ހައެއް ދެއަކުންނެވެ.