މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ "މުވައްޒަފުންގެ ސްކީމް"ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބައިވެރިވެ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. img:http://s3.psmnews.mv/images/660x400/14781014306104.jpg|މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް"ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބައިވެރިވުން - ފޮޓޯ: އައިޔޫއެމް
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސްލަރ، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް، ޢަލީ ރަޝީދުއެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޔާމީން އިދްރީސްއެވެ. މިކަމަށްޓަކައި މިއަދު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ހައްޖަށް ދާން ބޭނުންވާ މީހުންނަށް ވީހާ އަވަހަކަށް އެކަމުގެ ފުރުސަތު ފަހިކޮށްދީ ޙައްޖުގެ މަތިވެތި އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުން ކަމަށެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕޮރޭޝަން މެދުވެރިކޮށް ހައްޖަށްދާ މީހުންނާއި އެކުންފުނީގެ މުވައްޒިފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް އިސްލާމީ ޔުނިވަރސިޓީގައި ހިންގަން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14781014499058.jpg|މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް"ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބައިވެރިވުން - ފޮޓޯ: އައިޔޫއެމް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސްލަރ، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޢަލީ ރަޝީދު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއިން އުއްމީދުކުރަނީ ވީހާވެސް ގިނަ މުވައްޒަފުން މި ސްކީމްގައި ބައިވެރިވެ، ޙައްޖު އަދި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުން ކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދަވާ މި ސްކީމަކީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ދަޢުލަތުގެ އިދާރާތަކުގެ އިތުރުން، ސަރުކާރުގެ މިނިސްޓްރީތަކުގައި ވަޒީފާ އަދާކުރާ ފަރާތަތަކަށް، އެފަރާތްތަކުގެ މުސާރައިން ކަނޑައެޅިފައިވާ ވަކި މިންވަރެއް، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި މުވައްޒަފު ވަޒީފާ އަދާކުރާ ކުންފުންޏެއް ނުވަތަ އިދާރާއެއް މެދުވެރިކޮށް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރަމުންގޮސް، ޙައްޖުގެ ދަތުރަށްވާ ފައިސާ އެއްކޮށް އަދާކޮށް ނިންމުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގާ ސްކީމެކެވެ.