ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މައި މަރުކަޒު ހުޅުވައިފި


އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހުރިހާ ކަމެއް ބަލަހައްޓާ މައި މަރުކަޒު ޤާއިމުކޮށް އެތަން މިއަދު ހުޅުވައިފިއެވެ. 

ޤައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތައް ކުރިން ހިންގި ބާ ޖަމާލުއްދީންގެ އިމާރާތުގައި ހުންނަ މި މަރުކަޒް ހުޅުއްވައިދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނެވެ. މި މަރުކަޒު ހުޅުވުމާއެކު، އިންތިޚާބާ ގުޅުންހުރި ހުރިހާ ކަމެއް ކުރިއަށްދާނީ  މި މަރުކަޒުގައިކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިންތިޚާބީ މަރުކަޒުގެ ތެރޭގައި ރީ-ރެޖިސްޓްރޭޝަންގެ ކަންތައްތަކާއި، އިންޓަނޭޝަނަލް އޮބްޒާވަރުންގެ މަސައްކަތްތަކާއި، މީޑިޔާ އަދި ނަތީޖާ ޕްރޮސެސް ކުރާ ސެންޓަރުވެސް ގާއިމްކޮށްފައިވާނެ ކަމަށެވެ. އަދި އޮބްޒާވަރުންނާއި، މަންދޫބުންނަށް ކާޑުތައް ދޫކުރަނީވެސް މި މަރުކަޒުން ކަމަށެވެ. 

އަމްޖަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް މީހުން ތަމްރީން ކުރުމުގެ މަސައްކަތް މާލެއާއި އަތޮޅުތަކުގައި އެއް ވަގުތެއްގައި ކުރުމަށް ނިންމަވާފައިވާކަމަށާއި އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހު ތަމްރީންތައް ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ. 

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު  މިމަހުގެ ފަނަރަވަނަދުވަހާއި ހަމައަށް ވަނީ ހުޅުވާލައްވާފައެވެ. މިފަހަރުގެ އިންތިޚާބުގައި ޖުމްލަ ހަސަތޭކަ ފަންސާސް ތިން ކައުސިލަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.