ތަޢުލީމު

ޕްރީސްކޫލު ތަޢުލީމު ރަސްމީ ނިޒާމުގެ ތެރެއަށް


މާޒީއަށް ބަލާއިރު ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި ޕްރީސްކޫލު ތަޢުލީމު ފޯރުކޮށްދެވިފައިވަނީ ތަޢުލީމުގެ ނިޒާމުގެ ބޭރުން ނުރަސްމީކޮށެވެ. ޚާއްޞަކޮށް އަތޮޅުތެރޭގައި ރައްޔިތުންނާއި، ބެލެނިވެރިން އަތުން ފީނަގައިގެން ޕްރީ ސްކޫލްތަކުގައި ކިޔަވާ ދެއްމުން އައި އައުމަށް ނިމުމެއް އައީ 2007 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލި ގަވާއިދެއްގެ ދަށުން އަތޮޅުތެރޭގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޕްރީސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް އުޖޫރަދިނުމަށް ސަރުކާރުން ފައިސާގެ އެހީއެއް ދެއްވަން ފެއްޓުމާއިއެކުއެވެ.

އުސޫލު އަލުން މުރާޖައާކޮށް 2009 ވަނަ އަހަރުން ފެށިގެން ޕްރީސްކޫލް ޓީޗަރުންނަށް އުޖޫރަ ދިނުމަށް ދެވޭ އެހީގެ އިތުރުން، ސްކޫލްގެ އިދާރީ ހިންގުމަށްވެސް ފައިސާގެ އެހީ ދޭން ފެށިއެވެ. މީގެ އިތުރުން ޕްރީސްކޫލް ތައުލީމު ފުޅާކޮށް ތަރައްގީކުރުމުގެގޮތުން ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށާއި ވަސީލަތްތައް ހޯދުމަށް އަހަރަކު ގިނަވަގެން އެއް މިލިޔަން ރުފިޔާގެ އެހީގެ ތެރެއިން ވަކި އަދަދެއް، އެކަމަށް އެދި ހުށަހަޅާ ސްކޫލްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދެއްގެ ސްކޫލްތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެމުން ގެންދެވިއެވެ.

އެހެންނަމަވެސް ޕްރީސްކޫލް ނިޒާމަށް ބޮޑު ބަދަލެއް އައިސްފައިވަނީ، 2010 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނު ތަންފީޒު ކުރަން ފެށުމާގުޅިގެން، ކައުންސިލްތަކުން ސީދާ ޕްރި ސްކޫލްތައް ހިންގަން ފެށުމުންނެވެ. އަދި 2012 ވަނަ އަހަރު ވުޖޫދަށް އައި ޕްރީސްކޫލް ހިންގުމުގެ ޤާނޫނު ތަންފީޒު ކުރުމާގުޅިގެން ކޮންމެ ފަންސަވީސް ދަރިވަރަކަށް އެއް ޓީޗަރެއްގެ ނިސްބަތުން އުޖޫރަދެމުން އައިސްފައިވެއެވެ. 

img:http://s3.psmnews.mv/images/660x400/6972.jpg|ޕްރީ ސްކޫލް ދަރިވަރުންތަކެއް

ތަހުޒީބު މުޖުތަމަޢަކަށް ބޭނުންވާ، ތަރުބަވީ ތަޢުލީމާ ތަމްރީނަށް އަމާޒުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރަމުން މިދާ ތަޢުލީމުގެ ސިޔާސަތުގެ ތެރެއިން ކުރެވުނު އެންމެ މުހިއްމު އެއްމަސައްކަތަކީ، ރާއްޖޭގެ ސްކޫލު ތަޢުލީމުގެ މަރުޙަލާތައް މުރާޖުޢާކޮށް، އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. އެގޮތުން ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 ނިމެންދެން އެއީ ރާއްޖޭގެ ސްކޫލު ތަޢުލީމުގެ "މަޖުބޫރު" ބައި ކަމަށް ކަނޑައަޅައި، ޢުމުރުން 18 އަހަރު ވަންދެން ނުވަތަ ގްރޭޑް 10ގެ ތަޢުލީމަށްފަހު، އިތުރު 2 އަހަރުގެ ސްކޫލު ތަޢުލީމު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޯރުކޮށް ދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

ކައުންސިލުތަކުން ދެމުން ގެންދިޔަ ޕްރީސްކޫލު ޓީޗަރުންގެ މުސާރައާއި ޢިނާޔަތްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭގޮތަށް، ސޯޝަލް ކައުންސިލުން މިދިޔަ އަހަރު ހަމަޖެއްސެވިއެވެ. އަދި ޕްރީސްކޫލު ތަޢުލީމު ފޯރުކޮށްދިނުމުގެ ޒިންމާ ކައުންސިލުތަކުގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލު ކުރެއްވިއެވެ. އަދި މި ބަދަލާއާއި އެކު މިހާތަނަށް 183 މިލިއަން މިނިސްޓަރީ އޮފް އެޑިޔުކޭޝަނުގެ ބަޖެޓުން ޚަރަދު ކުރައްވާފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ މި ސިޔާސަތާއެކު މާލެ ސިޓީއާއި އައްޑޫ ސިޓީ ފިޔަވައި، ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކެއްގައި ޤާއިމުވެފައިވާ ސަރުކާރުގެ ސްކޫލުތަކުން، ޕްރީސްކޫލު ތަޢުލީމު ކުދިންނަށް، ހިލޭ ފޯރުކޮށްދޭން 2016 ވަނަ އަހަރު ވަނީ ފަށްޓަވާފައެވެ. މާލެ އާއި އައްޑޫ ސިޓީން ޕްރީސްކޫލު ތަޢުލީމު ހިލޭ ފޯރުކޮށްދިނުމުގެ އިންތިޒާމު މިހާރުދަނީ ކުރެވެމުންނެވެ.

އެގޮތުން މިއަންނަ ދިރާސީ އާއަހަރާއެކު ޕްރީސްކޫލު ތަޢުލީމު ރަސްމީ ތަޢުލީމުގެ ބައެއްގެގޮތުގައި ހަމަޖެހި އެ މަރުޙަލާގެ ތަޢުލީމު މުޅިރާއްޖޭގައި ހިލޭ ފޯރުކޮށްދެވޭނެއެވެ. މިގޮތުން މިއަންނަ އަހަރު، ޕްރީސްކޫލު މަރުހަލާގައި 628 ޕްރީސްކޫލު ޓީޗަރުން 15708 ދަރިވަރުންނަށް އުގަންނައިދިނުމުގެ މަސައްކަތް ކުރައްވާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.