އަލް ހިލާލަށް ކުޅެމުން އައި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ކަރީމް ބެންޒެމާ އޭނާގެ ކޮންޓްރެކްޓް އުވާލައިފި އެވެ.
ސައޫދީ އަރަބިއާގެ ކުލަބާއެކު މި އަހަރު ހެދި ކޮންޓްރެކްޓް އުވާލުމަށްފަހު މިހާރު އޭނާ ހުރީ އުނދަގޫ ނިންމުމެއްގެ މަގުމަތީގަ އެވެ. އެއީ ފުޓްބޯޅަ ކުޅުން ކުރިއަށް ގެންދިއުމާމެދު ވަކި ގޮތެއް ނުނިންމިފަ އެވެ.
ބެންޒެމާ ކޮންޓްރެކްޓް އުވާލި ސަބަބެއް ނުބުނެ އެވެ. ނަމަވެސް އޭނާއާ ހަވާލާދީފައިވާ ގިނަ ރިޕޯޓްތައް ބުނަނީ އުމުރުން މިހާރު 38 އަހަރުގެ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް އެންމެ ގާތީ ކުޅުން ހުއްޓާލުން ކަމަށެވެ. އަދި މިހާރު އޭނާ ގެންދަނީ އެހެން ލީގެއްގައި ކުޅުމާމެދު ވަކި ގޮތެއް ނިންމުމަށް ވަރަށް ބޮޑަށް ވިސްނަމުން ކަމަށެވެ.
ރެއާލް ދޫކޮށް ބެންޒެމާ ސައޫދީ އަރަބިއާ އަށް ބަދަލުވީ 2023 ވަނަ އަހަރު އަލް އިއްތިހާދަށެވެ. އެ ކުލަބަށް 64 މެޗުން 38 ލަނޑު ޖަހައިދިނުމަށްފަހު އެނާ ހިލާލަށް ބަދަލުވީ މި އަހަރު އެވެ. މިހާތަނަށް ވަނީ 12 މެޗުން 10 ގޯލު ޖަހައިފަ އެވެ.
ފްރާންސްގެ ލިއޯނުން ފާހަގަވި ކުޅުންތެރިޔާ އެންމެ ބޮޑަށް ވިދާލީ ރެއާލްގަ އެވެ. 2009 އިން 2023 އަށް އެ ކުލަބަށް ކުޅެ އޭނާ ވަނީ 439 މެޗުން 238 ގޯލު ޖަހައިދީފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް 97 މެޗުން 37 ގޯލު ޖަހާދީފައިވާ ފޯވަޑް ވަނީ 2022 ވަނަ އަހަރުގެ ބަލޮންޑޯ އެވޯޑް ހާސިލްކޮށްފަ އެވެ.