ސަރުކާރުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ތައުލީމް ހިލޭ ދެއްވުމަށް ނިންމަވާ އެކަން އިފްތިތާޙް ކުރައްވައިފިއެވެ.
ސަރުކާރުގެ މި ނިންމެވުމާއިއެކު ރާއްޖެ ވެފައި މިވަނީ ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑީގެ، ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ފަށާ ތަޢްލީމުގެ ކުރިން އެއް އަހަރުގެ ހިލޭ ޕްރީސްކޫލު ތަޢުލީމު ކަށަވަރު ކުރި، މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށެވެ.
ސަރުކާރުގެ ތަޢުލީމީ ވަޢުދުގެ ތެރެއިން އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ޕްރީސްކޫލް ތަޢުލީމު ކޮންމެ ރަށަކުން ހިލޭ ދިނުން ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝާތު ޝިހާމް ވިދާޅުވީ، ތަހުޒީބު މުޖުތަމަޢަކަށް ބޭނުންވާ، ތަރުބަވީ ތަޢުލީމާއި ތަމްރީނަށް އަމާޒުކޮށްގެން، ސަރުކާރުގެ ތަޢުލީމީ އެޖެންޑާގައި ކަނޑައެޅިފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ، ރާއްޖޭގެ ސްކޫލު ތަޢުލީމުގެ މަރުޙަލާ އައު މިސްރާބަކަށް ބައްޓަންކޮށް، އެންމެ ކުއްޖަކު ވެސް ބާކީ ނުކޮށް، އެންމެ ދަރިވަރަކުވެސް ދޫކޮށްނުލާ، ފެންވަރު ރަނގަޅު، ޒަމާނާއި މުޖުތަމައަށްފެތޭ، ޤައުމަށް އަދި ފަރުދީ ތަރައްޤީއަށް ބޭނުންވާ، ތަޢުލީމާއި، ހުނަރާއި، ތަރުބިއްޔަތު ކޮންމެ ދިވެހި ކުއްޖަކަށްވެސް ފޯރުކޮށްދެއްވުމަށް ކަމަށެވެ.
"ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅަކީ ތަޢުލީމުން އެއްވެސް ކުއްޖަކު މަޙުރޫމު ނުވުން. އެންމެ ކުއްޖަކުވެސް ބާކީ ނުކުރުން. އެ ދަރިވަރަކު ނިސްބަތްވާ ރަށެއްގެ ސަބަބުން، ދިރިއުޅެންޖެހޭ ޙާލަތެއްގެ ސަބަބު ތަޢުލީމުފަދަ އަސާސީ ޚިދުމަތެއް ލިބުމުގައި ތަފާތުނުކުރުން. އެހެން ކަމުން ސަރުކާރުން މިއަދު ނިންމާފައި މިވަނީ ދިވެހި ކޮންމެ ކުއްޖަކަށްވެސް އުމުރުން 4 އަހަރުން ފެށިގެން، އެ ކުދިންގެ އުމުރުން 18 އަހަރު ފުރެންދެން، 14 އަހަރުގެ ތަޢުލީމު ހިލޭ ފޯރުކޮށްދިނުމަށް .ރާއްޖޭގެ ފަށާ ތަޢުލީމާ، ޘާނަވީ ތަޢުލީމު އަދި މަތީ ޘާނަވީގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ފަދައިން، ޕްރީސްކޫލުގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކްލާސްތަކަކީވެސް ސަރުކާރުން ހިލޭދެވޭ ރަސްމީތަޢުލީމުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު މިވަނީ ހަމޖައްސަވާދެއްވާފައި. އިރާދަކުރެއްވިއްޔާ 2017 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އެޑިޔުކޭޝަން މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ރާއްޖޭގެ ސަރުކާރު ސްކޫލްތަކުގައި، ނުވަތަ ސަރުކާރުން ކަނޑައަޅާ ވަކި ސްކޫލްތަކެއްގައި ހިލޭ ޕްރީ ސްކޫލް ތަޢުލީމު ދޭންފެށިގެންދާނެ." މިނިސްޓަރ ޑރ.ޢާއިޝާތު ޝިހާމް ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14780229784151.jpg|ޕްރީ ސްކޫލް ތައުލީމް ހިލޭ ދެއްވުމަށް ނިންމަވާ އެކަން އިފްތިތާޙް ކުރައްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ގެންނެވި މިބަދަލާއެކު، ޕްރީސްކޫލުގެ ޕްރޮގްރާމްތަކަކީ، ޤާބިލް ޕްރިންސިޕަލަކާއި މެނޭޖްމެންޓް ޓީމެއްގެ ބެލުމުގެ ދަށުން ހިނގާ ޕްރޮގްރާމްތަކަކަށް ހައްދަވާ، ކިޔަވާދިނުން ޤަވާއިދުން ސުޕަވައިޒްކޮށް ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދެއްވާނޭކަމަށް. އަދި މީގެ ސަބަބުން ޕްރީސްކޫލްތަކަށް ކިޔަވާދެއްވާ ޓީޗަރުންނަކީ ސަރުކާރު ސްކޫލްތަކުގެ އެހެން ޓީޗަރުންފަދައި ޑިގްރީ ފެންވަރަށް ކިޔަވިފައިވާ، ތުއްތުކުދިންނަށް ކިޔަވާދިނުމުމުގެ ޚާއްޞަ ފަންނުވެރި، ޤާބިލު ބަޔަކަށްވުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވި.
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ތައުލީމީ ދާއިރާގެ އެއް ލަނޑުދަނޑި އަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ދުނިޔޭގެހުރިހާ ޤައުމަކުން ފަށާތަޢުލީމު ފެށުމުގެ ކުރިން 1 އަހަރުގެ ޕްރީސްކޫލް ތަޢުލީމްތުއްތުކުދިނަށް ހިލޭ ފޯރުކޮށްދިމެވެ. މިނިސްޓަރ ވިދާޅުވީ ކަނޑައަޅާފައިވާ އަމާޒުގެ ކުރިން ރާއްޖެއަށް މިކާމިޔާބީ އުފަލާއެއްކު ޙާޞިލް ކުރެވިފައިވާކަމަށެވެ.
"އަޅުގަނޑުމެން މި ކުޑަކުޑަ ދިވެހިރާއްޖެއިން ﷲ އިރާދަފުޅާއެކު މިވަނީ ކުރިޔަށްއޮތް 15 އަހަރުގެ ޕްލޭން ފެށުމުގެ ކުރިން، 1 އަހަރެއް ނޫން 2 އަހަރުގެ ޕްރީސްކޫލްގެ ފުރުޞަތު ތުއްތުކުދިންނަށް ކަށަވަރުކޮށްދީފައި. އެހެންކަމުން ރާއްޖެ މިވަނީ ދުނިޔޭގެ ތަޢުލީމުގެ އެޖެންޑާގައި ކަނޑައެޅިފައިވާ ހިލޭ ޕްރީސްކޫލު ތަޢުލީމު ކަށަވަރު ކުރި، މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށް. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ކުރިއެރުން. ގެންނަން ބޭނުންވާ ތަރައްޤީ. މިފަދަ ކާމިޔާބީތައް އަޅުގަނޑުމެންނަށް މާތް ﷲގެހެޔޮ ރަޙްމަތްފުޅާ އެކު މިހޯދެނީ ސަރުކާރުން ހެޔޮހިތުން، އިޚްލާސްތެރިކަމާ އެކުކަނޑައަޅާ ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން؛ އަދި ހަމަ ވަރަށްގިނަބައެއްގެ ބުރަ މިންނެތް މަސައްކަތުން. އޭގެތެރޭގައި ސްކޫލުތަކުގެ ހީވާގިޓީޗަރުންނާއި ލޮބުވެތި ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާއެންމެހައި މުއައްޒަފުން ހިމެނޭ. " މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ މިނިންމެވުމާއި އެކު މިހާތަނަށް ފީއެއް ނަގައިގެން ކިޔަވައިދެމުން އައި އައްޑޫ ސިޓީ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޕްރީސްކޫލްތަކުގެ އެލްކޭޖީ ޔޫކޭޖީ ދަރިވަރުންނަށް ކިޔަވާދޭނީ ހިލެއެވެ.
އަދި މާލޭގެ އަވަށު މަދަރުސާތަކާއި، ސަރުކާރުން ކަނޑައަޅާ ވަކި ޕްރީ ސްކޫލްތަކެއްގައި އުމުރުން 4 އަހަރާއި 5 އަހަރުގެ ދަރިވަރުންނަށް ހިލޭ ޕްރީސްކޫލް ތަޢުލީމު ލިބިގެންދާނެއެވެ.