ސިޔާސީ

ގުޅިގެން މަސައްކަތްކުރުމަށް ޕީޕީއެމްއާއި ޑީއާރުޕީ މަޝްވަރާކުރަނީ


ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމާއެކު މަސައްކަތްކުރުމަށް ޑީއާރުޕީން ހުށައަޅާފައިވާ ހުށައެޅުމަކާ ގުޅިގެން ޑީއާރުޕީއާއެކު މަޝްވަރާ ކުރުމަށް ޕީޕީއެމުން ކޮމިޓީއެއް އެކުލަވާލައިފިއެވެ. 

ރޭ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޢަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ވަނީ ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީން ހުށައަޅާފައިވާ ހުށައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ޕީޕީއެމްގެ ކައުންސިލުން ވަނީ ޑީއާރުޕީގެ އިސްވެރިންނާ މިކަމާގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް 5 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ. 

ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކާ ގުޅޭގޮތުން ޕީއެސްއެމަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ވިދާޅުވީ، ރޭގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލްގެ އިންތިޚާބަށް ވާންހުރި ތައްޔާރީތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14779780275827.jpg|ރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އާރިފް ވިދާޅުވީ ޕާޓީގެ އިންތިޚާބުތަކާބެހޭ ކޮމިޓީއަށް އިތުރު މެންބަރުން ޢައްޔަންކުރުމަށް ރޭގެ ކައުންސިލުން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ޕީޕީއެމްގެ ކައުންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން ޢައްޔަންކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި އެދެގޮނޑިއަށް ރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ މެންބަރުން އައްޔަންކޮށްފައެވެ. 

ޕީޕީއެމްގެ މައްސަލައިގައި ސިވިލްކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން ޕީޕީއެމްގެ މިހާރު ހިންގަމުންދަނީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ލީޑަރޝިޕްގެ ދަށުންނެވެ. ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ޕާޓީ ހިންގަވަން ފެށިފަހުން ޕާޓީގެ ހިންގެވުން އަވަސްވެފައިވާކަމަށް އެޕާޓީގެ ކައުންސިލް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރޭގެ ޕީޕީއެމް ކައުންސިލްގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިކައުންސިލް ބައްދަލުވުން ކުރިއަށް ގެންދެވި ވަގުތު ރައީސް މައުމޫންވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއެކު ބައްދަލުވުމެއް ކުރިއަށް ގެންދަވާފައިވެއެވެ.