ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޚާއްޞަ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ ހާލަތަށް ފުރިހަމައަށް ރިއާޔަތްކޮށް، ސިޔާސަތުތައް ބައްޓަންކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.
ވަޒީރު މިކަމަށް ގޮވާލެއްވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ކޮޕް17ގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ ރިޔާސީ މަޝްވަރާ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ.
"ފްރޮމް އެމްބިޝަން ޓު އެކްޝަން: ޑެލިވަރިންގ ރިއޯ ސިނަރޖީސް އެކްރޮސް ދަ ޓްރިޕަލް ކޮޕް އިޔަރ" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ، ރިއޯ ކޮންވެންޝަންތަކުގެ މިހާރުގެ އަދި ކުރިއަށް އޮތް ދައުރުތަކުގެ ރިޔާސަތުތައް އެއްތަންކޮށްގެން ބޭއްވުނު މުހިންމު ސެޝަނެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މި އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ "ޓްރިޕަލް ކޮޕް އިޔަރ" އިފްތިތާޙު ކުރުމާއި، ކޮޕް31 ގެ ރިޔާސަތުގެ ދަށުން "ރިއޯ ސިނަރޖީސް ގްރޫޕް ފޮރ އެކްޝަން" އެކުލަވާލުމުގެ މަސައްކަތް ފެށުމެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވަނީ ތިމާވެއްޓާ ގުޅޭ ބައިނަލްއަޤްވާމީ އެކި މުއާހަދާތަކާއި ކޮންވެންޝަންތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިކޮންވެންޝަންތަކުގެ ދަށުން މިހާރު އޮތް އޮނިގަނޑުތަކާއި، އިންޑިކޭޓަރުތަކާއި އަދި މާލީ ވަސީލަތްތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކުރެވޭނެކަން ކަށަވަރުކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މަތީ ފަންތީގެ މިބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ތިމާވެށީގެ ދާއިރާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭނެ ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައިވަނީ މަޝްވަރާކުރައްވާފައެވެ.