ވިޔަފާރި

އަމާނާތަކާފުލްގެ ކަސްޓަމަރުންނަށް އެސްޓީއޯގެ ޚިދުމަތް


އަމާނާ ތަކާފުލްގެ ކަސްޓަމަރުންނަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އޯގެ ފާމަސީތަކުން ޚިދުމަތް ލިބޭނޭ އިންތިޒާމް އަންނަ ހަފްތާގެ ތެރޭގައި ހަމަޖެހިގެންދާނޭކަމަށް އެސް.ޓީ.އޯއިން ބުނެފިއެވެ.

މިކަމާއިބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އަމާނާ ތަކާފުލް އާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އަމާނާ ތަކާފުލްގެ ކަސްޓަމަރުންނަށް އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެސް.ޓީ.އޯގެ ބޭސްފިހާރަތަކުން ޚިދުމަތް ލިބިގެންދާނޭކަމަށެވެ.

ޝަހީރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އަމާނާ ތަކާފުލްގެ ކަސްޓަމަރުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ. އަދި، އަމާނާ ތަކާފުލް ކުންފުންޏަކީ ރާއްޖޭގައި އިންޝުއަރަންސްގެ ޚިދުމަތް ދެމުން އަންނަތާ ވަރަށް ގިނަދުވަސްވީ ކުންފުންޏެއްކަމަށާއި، އެކުންފުނީގެ ޚިދުމަތްތަކަކީ އެސް.ޓީ.އޯއިން ފާހަގަކުރާ ޚިދުމަތްތަކެއްކަމަށެވެ.

މިކަމާއިބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އަމާނާ ތަކާފުލްގެ މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލައިމާން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އަމާނާ ތަކާފުލްގެ އިންޝުއަރަންސް ޚިދުމަތް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ދެމުން އަންނަ ޚިދުމަތްތައް ކުރިއަށްވުރެ ފުޅާވެގެންދާނޭކަމަށެވެ. އަދި، މި އެއްބަސްވުމުގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ފާމަސީތަކުން އަމާނާ ތަކާފުލްގެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގެ ފުރުޞަތު ލިބިގެންދާނޭކަމަށެވެ.

އިންޝިއުރަންސްގެ ދާއިރާގައި ޙަރަކާތްތެރިވާ އަމާނާ ތަކާފުލް މޯލްޑިވްސްއިން ޚިދުމަތް ދޭން ފަށާފައިވަނީ ދެހާސް ތިންވަނަ އަހަރުއެވެ.

އަމާނާ ތަކާފުލްއިން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަތާ ތޭރަ އަހަރުވެފައިވާއިރު، އަމާތާ ތަކާފުލް އަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެއްކަންވެސް ފާހަގަކޮށްލެވެއެވެ.