ވިޔަފާރި

ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް އެކުލަވާލައްވަނީ


ދިވެހިރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގައި އޮޑިޓް ލައިސެންސް ދީފައިވާ އޮޑިޓަރުން ތަމްރީނުކުރުމަށް ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީ ވިދާޅުވީ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް ދިވެހިރާއްޖޭގައި ޤާއިމުކުރެއްވުމަށްޓަކައި މިކަމަށް ބޭނުންވާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުންދާކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގައި އޮޑިޓް ޚިދުމަތް ފުޅާކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމުގައި އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އޮޑިޓް ޚިދުމަތްދޭ ފަރާތްތައް ތަމްރީނުކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް 45 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ. މިއީ ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންސް އޮފް ސްރީލަންކާއާ ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.