ޚަބަރު

"ކޯޓުތަކުގެ ނިންމެވުންތަކަށް ފާޑުކިޔާނަމަ ފިޔަވަޅު އަޅާނަން"


ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމަވާ ނިންމެވުންތަކަށް ފާޑުކިޔައި ކޯޓްތަކުން ކުރައްވާ ޤާނޫނީ ޙުކުމަށް ޢަމަލުކުރުމަށް ދެކޮޅުހަދާ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާނެކަމުގެ އިންޒާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެއްވައިފިއެވެ.  

ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ނޫސް ބަޔާނުގައި ދިވެހިރާއްޖޭގައި ޤާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއް ފަތުރަމުންދާކަމަށާއި، އެފަދަ އޮއިވަރެއް އެއްވެސް މަޤްޞަދަކަށްޓަކައި ދިވެހި މުޖުތަމައުގައި ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން މުޖުތަމައުގެ އެކި ފަރުދުންގެ މެދުގައާއި، ފަރުދުންނާ ދައުލަތާ ދެމެދުގައިޖެހޭ މައްސަލަތަކަށް ޤާނޫނީ ޙައްލު ހޯދައިދޭ ފަރާތަކީ ދިވެހިރާއްޖޭގެ ކޯޓްތައް ކަމަށާއި، ކޯޓްތަކުން ނިންމަވާ ނިންމެވުންތަކާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތަކީ އެ މައްސަލައެއް އެއަށްވުރެ މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުންކަމަށް ވާއިރު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމަވާ ނިންމެވުންތަކުގައިވާ ކަންކަން ވަކި މަޤްޞަދެއް ޙާސިލުކުރުމަށްޓަކައި އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް މި ބަޔާނުގައިވެއެވެ. އަދި މި މިއަމަލުގެ ސަބަބުން ދިވެހިރާއްޖޭގެ އަމަން އަމާންކަން ޤާއިމުކުރުމަށާއި، ދިވެހިރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ޤާއިމުކޮށް ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ނެގެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ސުޕްރީމް ކޯޓުގެ ނޫސްބަޔާނުގައިވެއެވެ. 

ސުޕްރީމްކޯޓުގެ ބަޔާނުގައި މިފަދަ ކަމެއް ކުރި ފަރާތަކީ ޤާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަރާތެއް ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާޠިލު ކުރައްވާނެކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ.