ޚަބަރު

ޞިއްޙީ ވައުދުތަކުގެ %90 ކާމިޔާބު ކުރެވިއްޖެ - ހެލްތް މިނިސްޓްރީ


މިސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ޞިއްޙީ ވައުދުތަކުގެ ނުވަދިހަ އިންސައްތަ ކާމިޔާބު ކުރެއްވިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ. 

ސިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ޙިއްސާ ކުރެއްވުމަށްޓަކައި، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބޭއްވެވި ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ހުސައިން ރަޝީދު ވިދާޅުވީ، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ސިއްޙީ ދާއިރާއިން 20 ވަޢުދެއް ވެވަޑައިގެންފައިވާއިރު މިވައުދުތައް ތަންފީޒް ކުރެއްވުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް ވިދާޅުވިއެވެ. 

"ޞިއްޙަތުގެ ހިޔާ އެންމެނަށް ޔަޤީންކޮށްދީފި" މިނަމުގައި ބޭއްވި ސެޝަންގައި ވަނީ ޞިއްހީ ދާއިރާއިން ޙާޞިލްކުރައްވާފައިވާ ކާމިޔާބީތަކުގެ ތަފްޞީލް ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި އާބާދީގެ ބޮޑުމިނަށް ބެލުމެއްނެތި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮކްޓަރުންގެ ޚިދްމަތް ތަޢާރަފް ކުރައްވަން ކުރައްވާ މަސައްކަތުގެ ދަށުން 16 ރަށުގައި މިޚިދްމަތް ފަށްޓަވާފައިވާކަން ބަޔާންކުރެއްވިއެވެ. 

އަދި ކަނޑާއި ،އެއްގަމު މަގުން ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުން ޔަޤީންކޮށްދެއްވުމާއި، ހުސްނުވާ އާސަންދަ ނިޒާމްގެ ދަށުން ރައްޔިތުންނަށް ބޭސް ފަރުވާ ކަށަވަރުކޮށްދެއްވުމާއި، ރާއްޖެއިން ކުރިން ލިބެން ނެތް ހިތުގެ ފަރުވާ ފަދަ ސުޕަރ ސްޕެޝާލިޓީ ޚިދްމަތް ދެއްވަން ފެއްޓެވުން ހިމެނެއެވެ.