ޚަބަރު

ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއި ކުރިއެރުން - މޫސާމަނިކު


ސިޔާސީ ގޮތުން ދައްކާ ވާހަކަތައް އަޑުއަހަން ރައްޔިތުން މިހާރު ބޭނުން ނުވާކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއި ކުރިއެރުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. މޫސަ މިހެން ވިދާޅުވީ، ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރ ޕަރސަން މޫސާ މަނިކު ވަނީ ވެރިކަންކުރާ ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްވާފައެވެ. މޫސާ މަނިކު ވިދާޅުވީ، ޕީޕީއެމް ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަކީ ޢާއިލީ ވެރިކަމުގެ މައްސަލަތަކެއްކަމަށެވެ. 

ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަދިވެސް ބޭނުންފުޅުވަނީ ޢާއިލީ ވެރިކަމެއް ކުރިއަށް ގެންދިއުންކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވިސްނުންފުޅު އެކަމާ ތަފާތުކަމަށް މޫސަ ވިދާޅުވިއެވެ. ޕީޕީއެމްގެ ތެރޭގައި ޚިޔާލުތަފާތު ވެގެން ދިޔައީ އެފަދަ ނިޒާމެއްގެ ޚިޔާލުފުޅެއްވެސް ރައީސް ޔާމީންގެ ނެތުމުންކަމަށާއި، އެފަދަ އެއްވެސް ކަމެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ފެންނަމުންވެސް ނުދާކަމަށް މޫސަ ވިދާޅުވިއެވެ. މިއީ ރާއްޖެއަށް އަންނަ ހެޔޮފާލެއްކަމަށް ސިފަކުރައްވަމުން މޫސަ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވަނީ، ތަރައްޤީއާއި ކުރިއެރުމާއި، ރައްޔިތުންނަށްހުރި ފުރުޞަތުތައްކަމަށެވެ. ސިޔާސީ ބޭފުޅުން ދައްކާ ވާހަކަތައް އަޑުއަހަން ރައްޔިތުން މިއަދު ބޭނުން ނުވާކަމަށް މޫސަ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންވެގެން މިދަނީ އިންޑަސްޓްރިއަލް މަސައްކަތެއްގެ ގޮތުގައިކަމަށް މޫސަ ސިފަކުރެއްވިއެވެ. ސަބަބަކީ، ސިޔާސީ ފަރަތްތަކަށް އެންމެ މަންފާ ލިބޭ އުސޫލެއް ބެލުމަށްފަހު  ސިޔާސީ ފަރާތްތަކުން އެއްގަލަކަށް އަރައި ބާރުތައް ބަހާލައިގެން މަސައްކަތްކުރާތަން ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވިއެވެ. އެގޮތުން މިހާރުގެ ސިޔާސީ ބައެއް ފަރާތްތަކުން މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރެމުންދާ ދިއުމަށް އިޝާރާތްކުރައްވާ މޫސަ ވިދާޅުވީ، އެއީ ޑިމޮކްރަސީގެ އުސޫލެއް ނޫންކަމަށާއި، ރާއްޖޭގެ ކަންކަން އެގޮތަށް ނުހިނގާނެކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ވެރިކަންކުރާ ޕާޓީއަށް އޮތުމުން ޤާނޫނު އަސާސީގައި ބުނެފައިވާ ހުރިހާ މުއައްސަސާތަކަށާއި، އެނޫންވެސް މުއައްސަސާތަކަށް ބޭނުން ބަޔަކު އައްޔަން ކުރެވޭނެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. އޭގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި ބާރުތައް ހުރުން ނޫންކަމަށާއި، އޭގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ހަމައެކަނި އިހްތިޔާރަކީ، އެ މުއައްސަސާތަކަށް ޢައްޔަންކުރާނެ ބޭފުޅުންގެ ނަން ފޮނުވުންކަމަށް އޭނާ ވިދާޅުވިއެވެ. 

އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކަށް އިޝާރާތްތްކުރައްވާ މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުފައްދައިގެން އުޅުއްވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން، އެމްޔޫއޯގައި ތިއްބެވީ، ސިޔާސީގޮތުން ފެއިލްވެ އެކަމާ ފިކުރު ބޮޑުވެގެން އުޅުއްވާ ބޭފުޅުންކަމަށެވެ. މޫސަ މަނިކު ވަނީ އެފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.