ޚަބަރު

ޝޫޓިން ޓީމު އޭޝިއަން ގޭމްސްއަށް ތައްޔާރު


  • ޤައުމީ ޝޫޓިން ޓީމުގައި 12 އެތުލީޓުން ހިމެނޭ

  • މިއީ މިހާތަނަށް ޝޫޓިންއިން އޭޝިއަން ގޭމްސްއަށްދާ އެންމެ ބޮޑު ކޮންޓިންޖެންޓް

  • އަމާޒަކީ ކޮންމެ ކުޅުންތެރިޔަކުވެސް ފައިނަލުން ޖާގަ ހޯދުން

އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ޝޫޓިން ޓީމު އޮތީ މުބާރާތަށް ތައްޔާރަށްކަމަށާއި، ޝޫޓިންއިން މިހާތަނަށް ރާއްޖެއިން ވާދަކުރާ އެންމެ ބޮޑު ކޮންޓިންޖެންޓް މިމުބާރާތުން ފެންނާނެކަމަށް ޤައުމީ ޝޫޓިން ޓީމުގެ ކޯޗު އިބްރާހީމް ސިމާދް ބުނެފިއެވެ.

މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސިމާދް ބުނީ އޭޝިއަން ގޭމްސްގެ ދެ ކެޓަރގަރީއެއްގައި ޤައުމީ ޓީމުން ވާދަކުރާނެކަމަށެވެ. އެގޮތުން ޕިސްޓަލް އާއި ރައިފަލް ޓީމުމު އެކުލަވާލެވި އަންހެން އަދި ފިރިހެން ޑިވިޝަނުން ޖުމްލަ 12 ކުދިން މުބާރާތުގައި ވާދަކުރާނެކަމަށެވެ. މި ކުޅުންތެރިން އިންޑިވިޖުއަލް، ޓީމާއި. މިކްސްޑް ޓީމު އިވެންޓުތަކުގައި ވާދަކުރާނެކަމަށް ސިމާދް މައުލޫމާތުދިނެވެ.

"އޭޝިއަން ގޭމްސްގައި މިހާ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ މިއީ ފުރަތަމަ ފަހަރު. އަޅުގަނޑުމެން އެބަ ބައިވެރިވަން ދެ ޑިސިޕްލިންއެއްގައި. އެއީ އަންހެން އަދި ފިރިހެން ދެ ޓީމުވެސް. ޖުމްލަ ހަތަރު ޓީމު ބައިވެރިވޭ. ކޮންމެ ޓީމެއްގައި ތިން ކުދިން ހިމެނޭ. މިމުބާރާތުގައި އިންޑިވިޖުއަލް، ޓީމް އަދި މިކްސްޑް ޓީމް އިވެންޓްތަކުގައި ވާދަކުރުމަށްވަނީ ހަމަޖެހިފައި" ޤައުމީ ޝޫޓިން ޓީމުގެ ކޯޗް ބުންޏެވެ.

ޝޫޓިން ރޭންޖުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ވާހަކަދައްކަމުން ސިމާދު ބުނީ ޓީމުގެ މިމުބާރާތަށް ދުރާލާ ޓީމު އެކުލަވާލެވި، ފަރިތަކުރުންތައް މީގެ ތިން މަސް ރިން ފަށާފައިވާކަމަށެވެ. ޓްރޭނިންގެ އެކި މަރުހަލާތައް ކަޑައްތުކޮށް މިހާރު ކުރިއަށްދަނީ ޓީމުގެ ސްކޯ މަތިކުރުމުގެ މަރުހަލާކަމަށް އޭނާ ބުންޏެވެ. އެގޮތުން ކުރި ފަރިތަކުރުން ތަކާއެކު ޓީމުގެ ސްކޯ ވަރަށް ބޮޑުތަން މައްޗަށް ޖެހިއްޖެކަމަށާއި، ޓީމުގެ ފަތިރަކުރުންތައް ކުރިޔަށްދާގޮތާމެދު ހިތްހަމަޖެހޭކަމަށް ސިމާދް ފާހަގަކުރިއެވެ.

"ޓީމް ތައްޔާރުކުރުމުގެ މަރުހަލާގައި މިއޮތީ. ޓީމު މިހާރު ސެލެކްޓްކުރެވި، ތިން މަސް ދުވަސްކުރިން ޓްރޭނިން ފަށްޓައިފިން. އެކި މަރުހަލާތައް ފައްޓައިގެން މިހާރު ސްކޯ މަތިކުރުމަށް އަޅުގަނޑުމެންގެ ފޯކަސް މިހުރީ. އެހެންކަމުން ސްކޯ ވަރަށް މަތިކުރެވިއްޖެ. ބުނާކަމަށްވަންޏާ ޓީމު އެއްކޮށް ނާރާ ވަރަށް ސްކޯ މިހާރު ހުރީ މައްޗަށް އަރާފަ" ކޯޗް ބުންޏެވެ.

ޤައުމީ ޝޫޓިން ޓީމަކީ މީގެ ކުރިންވެސް އޭޝިއާގެ މުބާރާތްތަކުގައި ވާދަކޮށް ރިހި މެޑަލްވެސް ޤައުމަށް ހޯދައިދީފައިވާ ކުޅުންތެރިންކަން ފާހަގަކުރަމުން ކޯޗް ބުނީ އޭޝިއަން ގޭމްސްއާ މެދުވެސް ކުރެވޭ އުންމީދު ބޮޑުކަމަށެވެ. އަމާޒަކީ ކޮންމެ ކުޅުންތެރިޔަކުވެސް ވާދަކުރާ އިވެންޓުގެ ފައިނަލުން ޖާގަ ހޯދުންކަމަށާ މި ޓީމަކީ ހުނަރުވެރި އުންމީދީ ޓީމެއްކަމަށް ކޯޗު ފާހަގަކުރިއެވެ.

"އޭޝިއާގެ މުބާރާތްތަކުން އަޅުގަނޑުމެން ސިލްވާ ހޯދާފައިވާނެ. އެހެންކަމުން ވަރަށް އުންމީދު އެބައޮތް މިމުބާރާތުގައި ވަރަށް ރަނގަޅު ކާމިޔާބު ހޯދާނެކަމަށް، ޚާއްސަކޮށް ޕާސަނަލް ބެސްޓް އަދި ނެޝަނަލް ރެކޯޑްތަކެއް އައުކުރެވިގެންދާނެކަމަށް. ކޮންމެ ޕްލެޔަރެއްގެވެސް ޓާގެޓެއް އެކުއްޖެއްގެ އިވެންޓުން ފައިނަލުގައި ވާދަކުރުމަކީ" ކޯޗް ބުންޏެވެ.

20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ޝޫޓިންގެ އިތުރުން ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލްޓެނިހެވެ. މިމުބާރާތުގައި ޖުމްލަ 45 ޤައުމަކުން ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާނެއެވެ.