ޚަބަރު

"އެކި ދާއިރާތަކުން ރާއްޖެ ވަނީ ލާމަސީލު ކާމިޔާބީތަކެއް ހޯދާފައި"


އދ. ން ރާއްޖޭގައި ޙަރަކާތްތެރިވާން ފެށި ފަހުން އެކި ދާއިރާތަކުން ލާމަސީލު ކާމިޔާބީތަކެއް ރާއްޖެއިން ހޯދާފައިވާ ކަމަށް އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވެއްޖެއެވެ. ރާއްޖެ، އދ. ގެ މެމްބަރު ޤައުމަކަށްވިތާ މިހާރު ވަނީ 51 އަހަރު ފުރިފައެވެ.

އދ. އަކީ ފާއިތުވި 51 އަހަރުގެ ތެރޭގައި ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައިވާ، ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިއްމު ބައިވެރިއެކެވެ. މި ޖަމްޢިއްޔާއިން ރާއްޖޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކަށް ބަލާލާއިރު ޒުވާނުންނާ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން، ދެ ޖިންސުގެ ހަމަހަމަކަން، އަންހެނުން ބާރުވެރި ކުރުވުން، އަދި ތިމާވެށި ރައްކާތެރި ކުރުމާ، ތިމާވައްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށްވެސް އދ.އިން ދަނީ ރާއްޖޭގެ މުއައްސަސާތަކާއެކު ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މި ހުރިހާ ދާއިރާއަކުން ރާއްޖެއަށް އެހީތެރިވުމައްޓަކާ އދ.ގެ 11 ޖަމްޢިއްޔާއަކުން ދަނީ ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތައް އަދި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ވަކިވަކި މުޖުތަމަޢުތަކާއި އެކު ބޮޑެތި މަސައްކަތްތަކެއް ވަރަށް ކާމިޔާބު ކަމާއިއެކު ކުރަމުންނެވެ.  

ރާއްޖޭގެ ތަރައްޤީއަށް ސަރުކާރާ، މުއައްސަސާތަކާއި އެކު މަސައްކަތް ކުރުމަށް ފުރުޞަތު ލިބުމަކީ އދ.އަށް ލިބޭ ފަޚުރެއް ކަމަށް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވިއެވެ. އަދި، ރާއްޖެއަކީ އދ.ގެ މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުޑަ އެއް ޤައުމުކަމަށްވީ ނަމަވެސް، ރާއްޖެއިން ހޯދަމުންދާ، އަދި ހޯދާފައިވާ ކުރިއެރުންތަކަކީ ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ކަމަށް ޝޯކޯ ވިދާޅުވިއެވެ. މިގޮތުން ރާއްޖެއިން ސާސްކަފްގެ 8 ލަނޑުދަނޑީގެ ތެރެއިން 5 ލަނޑުދަނޑި ހާޞިލްކުރުމަށް ކޮށްފައިވާ މަސައްކަތުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.

އދ.އިން ރާއްޖެއާއިއެކު މިހާތަނަށްކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ޞިއްޙީ ދާއިރާއާ، ތަޢުލީމީ ދާއިރާއިން ރާއްޖެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާ، ފަޤީރުކަން ނައްތާލުމާ، ތިމާވެށި ޙިމާޔަތް ކުރުމުގައި އަދި ކާރިސާތަކަށް ތައްޔާރުވުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ޝޯކޯ ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގައި އދ. ން މިހާރު ކުރިއަށްގެންދާ ބައެއް މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމާބެހޭ ޤައުމީ ޕްލޭނެއް އެކުލަވާލާ، މި އަހަރު ޑިސެމްބަރު މަހު އެ ޕްލޭން ތަޢާރަފް ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ރާއްޖޭގެ ތިމާވެއްޓާބެހޭ ވުޒާރާއިން އެކުލަވާލައްވާފައިވާ އެސް.ޑީ.ޖީގެ ޔުނިޓާއެކު އދ.އިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ޝޯކޯ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ޢާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ޚާއްޞަ ކެމްޕެއިނެއް ފެށުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އދ. ން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.