ޚަބަރު

އެމް.ޑީ.ޕީން ވަކިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުން ހުއްޓުވަން


އެމް.ޑީ.ޕީގެ މެންބަރުކަމުން ވަކިކުރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުން ހުއްޓުވުމަށް ކަމަށް އެޕާޓީގެ ކުރީގެ ނާއިބުރައީސް އަލްހާނު ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފްވެފައިވާކަމަށް ބުނެ އެމްޑީޕީން އިއްޔެ އޭނާ ވަކިކުރުމުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ އެކަމަށް ރައްދު ދެއްވަމުންނެވެ. އަލްހާން ވިދާޅުވީ، މިހާރު އޮތްގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދަށް ވާދަނުކުރެވޭ ޙާލަތުގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީއެއް އޮންނަން ޖެހޭނެކަމަށް ޤަބޫލުކުރައްވާ ކަމަށާއި ޕާޓީން ވަކިކުރީ ޕްރައިމަރީގައި ވާދަކުރައްވާނެތީ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14778478340583.jpg|އަލްހާން ފަހުމީ - ފޮޓޯ: ޕީއެސްއެމް

އަލްހާން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓުތަކުގައި ނުވަތަ ދެއްކެވި އެއްވެސް ވާހަކައެއްގައި ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފު ވާހަކަދައްކަވާ އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެކަމަށެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ދެޕާޓީގެ ތެރޭގައި މައްސަލަތަކެއް އުފެދި ކަންކަން ގޯސްވަމުންދަނީ، ރައީސް މައުމޫނާއި، ރައީސް ނަޝީދާއި ދެބޭފުޅުން ރޫޙާނީ ލީޑަރުންނަށް ވެވަޑައިގެން އެ ދެޕާޓީ ހައިޖެކް ކުރެއްވުމަށް ކުރާ މަސައްކަތުގެ ސަބަބުން ކަމަށް އަލްހާން ވަނީ ތުހުމަތު ކުރައްވާފައިވެއެވެ.

އަލްހާން ފަހުމީ އެމްޑީޕީން ވަކިކުރިކަން އަންގާ ފޮނުވި ލިޔުމުގައި ބުނެފައިވަނީ އެނާއަށް ދެން އެޕާޓީއަށް ވަދެވޭނީ 50 މީހުންގެ ފޯމާއެކުގައި ކަމަށެވެ. އަދި އަލުން ޕާޓީއަށް ވަންނަނަމަ މަޢާފަށްއެދި ބަޔާނެއް ޢާއްމު ކުރުމަށްވެސް އެމްޑީޕީން އަލްހާނަށް އަންގާފައިވެއެވެ. މީގެ އިތުރުން ކުރިޔަށް އޮތް 3 އަހަރު އެޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި ވާދަނުކުރެވޭއިރު ޕްރައިމަރީގައިވެސް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން އަލްހާނަށް އެންގި އެންގުމުގައިވެއެވެ. އަލްހާން ވިދާޅުވީ ޕާޓީގެ އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ ތެރެއިން ޙައްލު ނުލިބިއްޖެނަމަ ކޯޓަށް މައްސަލަ ހުށައަޅުއްވާނެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.