ޚަބަރު

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި


ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމާއި އެކު ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

ރައީސް ޔާމީން ކެމްޕެއިން އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކެމްޕެއިން އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، މި ކެމްޕެއިން ކުރިޔަށްދާނީ "އެންމެ ކާމިޔާބު ސިޔާސީ ޕާޓިގެ މެމްބަރަކަށްވުމުގެ ޝަރަފް ހޯއްދަވާ" މި ނަމުގައި ކަމަށެވެ. މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިވަގުތު އެންމެ އިސްކަމެއް ދެނީ ޕީޕީއެމަށް މެމްބަރުން އިތުރުކުރުމަށް ކަމަށެވެ. އެގޮތުން ޕާޓީގެ ރަސްމީ ގުނަވަންތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށްޓަކައި ފޯމް ފުރައިދިނުމާއި، މެމްބަރަކަށް ވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14778466829420.jpg|އިބްރާހީމް މުޢާޒް ޢަލީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ - ފޮޓޯ: ޕީއެސްއެމް

އަދި އެކަން އެގޮތައް ކުރަނީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމް ޒިންމާދާރުކަމާއެކު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުގެ ބޭނުމުގައި ކަމަށް މުޢާޒް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ޚަރަދަކާއި އެހީތެރިކަމެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ފޯރުކޮށްދޭނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާންމުކުރި ސިޔާސީ ޕާޓިގެ ދަފްތަރުގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށާއި، ޕާޓިއަށް ލިބޭ ފޯމްތައް ޒިންމާދާރުކަމާއެކު އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދެވޭނަމަ މެމްބަރުންގެ ޢަދަދު އެއަށްވުރެ އިތުރުވީސް ކަމަށް މުޢާޒް ވިދާޅުވިއެވެ.