ޚަބަރު

ޓޫރިޒަމް މިނިސްޓްރީއަށް ވަންނަ ފައިސާ މީރާއިން ބަލައިގަންނަނީ


މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލިބޭ ހުރިހާ ފައިސާއެއް އެ މިނިސްޓްރީން ބަލައިގަތުމުގެ ބަދަލުގައި މީރާއިން ބަލައިގަތުމަށް ނިންމަވައިފިއެވެ.

މީ ދާދިފަހުން ހިގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު މައްސަލައަށްފަހު އެޅުއްވި ފިޔަވަޅެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ޓުއަރިޒަމް މިނިސްޓްރީއަށް ލިބޭ ހުރިހާ ފީތަކާއި ޓެކްސްތައް މީރާއިން ބަލައިގަތުމަށް ނިންމަވައި، ދެ އިދާރާގެ ދެމެދުގައި މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ އެކި މުއައްސަސާތަކަށް ލިބޭ، ފީތަކާއި ޓެކްސްތައް މީރާއާއި ހަވާލުކުރުމުން އޮޑިޓްގެ މަސައްކަތަށާއި ބަޖެޓް ހެދުމުގެ މަސައްކަތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14778456397406.jpg|ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ އެމް.އެމް.ޕީ.އާރުސީގެ ޚިޔާނާތުގެ މައްސަލައަށްފަހު އެ މިނިސްޓްރީން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމްއާއި ގުޅޭ ހުރިހާ ރެވެނިއު ސީދާ ދަޢުލަތުގެ އެކައުންޓްތަކަށް ދާގޮތަށް ބަދަލުކުރައްވާފައިވާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ އިދާރާގެ މެދުގައި ޑޭޓާތައް ހިއްސާކުރުމަށްވެސް އެއްބަސްވެފައިވެއެވެ. 

މިނިސްޓަރ ޒަމީރު ވިދާޅުވީ އެ މިނިސްޓްރީން ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ބައެއްކަހަލަ ޑޭޓާތައް އެ މިނިސްޓްރީއަށް ލިބެންޖެހޭ ކަމަށެވެ. އެހެންކަމުން މިއީ އެއްބަޔަކަށް އަނެއްބައެއްގެ ޑޭޓާތައް ބަދަލުކުރެވިގެން ދިޔުމުން މިއީ އެންމެ ރަގަޅު ނަތީޖާއެއް ޙާސިލް ކުރެވޭނެ ގޮތަކަށް މާރކެޓް ކުރުމަށް ކުރިއަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބަދަލުކުރެވިގެންދާ މަޢުލޫމާތުތަކަކީ ސިއްރު މައުލޫމާތުތަކެއް ކަމަށެވެ. މިގޮތުން ވަކިވަކި ފަރުދުންނާއި ވަކިވަކި ކުންފުނިތަކުގެ މަޢުލޫމާތު އެއްވެސް ހާލެއްގައި ހާމަ ނުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިތުރު މަޢުލޫމާތުތައް ލިބި، ޓެކްސް ބަލައިގަތުމުގައި އިތުރު ފަސޭހަތަކެއްވެސް ލިބިގެންދާނެ ކަމަށެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ދަޢުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މި މަސައްކަތް ކުރެއްވުމުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14778456687066.jpg|ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު - ފޮޓޯ: ޕީއެސްއެމް

ޓޫރިޒަމް މިނިސްޓްރީއަށް ވަންނަ ހުރިހާ ފައިސާތައް މީރާއިން ބަލައިގަންނަ ގޮތަށް ނިންމެވިއިރު އަލަށް ދޫކުރާ ރަށްރަށަށް ދައްކާ އެކުއިޒިޝަން ފީތަކާއި ޓޫރިޒަމްގެ އެކި އެކި ބޭނުންތަކަށް ނަގާ ހުއްދަތަކާއި އެހެނިހެން ކަންކަމަށް ދައްކަންޖެހޭ ފީތައް މިހާތަނަށް ބަލައިގަންނަމުން އައިސް ފައިވަނީ ޓޫރިޒަމް މިނިސްޓްރީއަށެވެ.

ޓޫރިޒަމް މިނިސްޓްރީއަށް ވަންނަ ހުރިހާ ފައިސާއެއް މިރާއަށް ބަލައިގަންނަ ގޮތަށް ބަދަލު ގެންނެވިއިރު ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ފެންމަތިވެ 1.2 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެއެވެ.