ޚަބަރު

ޣާޒީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މުނީބް ހޮވިއްޖެ


ހުޅުމާލޭ ޣާޒީ ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލުގެ މުނީބް އިސްމާއިލް މުޙައްމަދު ހޮވިއްޖެއެވެ.

ހުޅުމާލޭގައި ދެވަނައަށް ހުޅުވި ޣާޒީ ސްކޫލަކީ އަހަރަކަށްވުރެ އަހަރެއް މޮޅު ނަތީޖާތަކެއް ނެރެމުން އަންނަ ސްކޫލެކެވެ. 25 އޮކްޓޯބަރު 2007 ގައި ހުޅުވުނު މި ސްކޫލުގައި ކިވައިދޭން ފަށާފައިވަނީ 2008 ވަނަ އަހަރު 600 ދަރިވަރުންނާއެކުއެވެ. އެސްކޫލުގައި މިދިޔަ އަހަރު އެގާރަސަތޭކަ ސާޅީސް ހަތް ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވެއެވެ. ޣާޒީ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވިފައިވާ މުނީބް އިސްމާޢީލް މުޙައްމަދު ވަނީ ރާއްޖޭގެ ގަދަ ދިހައެއްގެ ދެވަނައިގައި ހިމެނިފައެވެ. އަދި އޯލެވެލްގެ 6 މާއްދާއިން އޭ ސްޓާރ ހޯދާފައިވެއެވެ. މީގެ އިތުރުން މުނީބަކީ މުޅި ސްކޫލުގެ ބެސްޓް އޯލް ރައުންޑެވެ.

ޣާޒީ ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އިނާމް ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ފާއިތުވި އަހަރު އެ ސްކޫލުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުންޙަވާލުކޮށްފައެވެ.

ޣާޒީ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ މުޙައްމަދު އަލީ ވިދާޅުވީ ޅަފަތުގައި ޣާޒީ ސްކޫލުން ހޯދަމުން އަންނަ ނަތީޖާތަކަކީ ފަޚުރުވެރިވާންޖެހޭ ނަތީޖާތަކެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ގަދަ އެއްވަނައިގައި ސްކޫލްދަރިވަރުން ހިމެނިގެން ދިޔުމަކީ މީގެ ހެއްކެއްކަމަށް ވިދާޅުވިއެވެ. ހުޅުމާލޭގައި ދެވަނައަށް ހުޅުވި ޣާޒީ ސްކޫލުގައި ގްރޭޑް އެކަކުން ފެށިގެން މަތީ ސާނަވީއާ އަމައަށް ކިވައިދޭއިރު، އެންމެ ޒަމާނީ ފެންވަރުގެ ލެބޯޓްރީތަކާއި ލައިބްރަރީއެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއްވެސް ހުރެއެވެ.