ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 2 މީހަކު 15 އަހަރަށް ޖަލަށް !


އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވި ދެ މީހަކު 15 އަހަރަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސާ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވުމާއި ގުޅިގެން 15 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ހދ. މަކުނުދޫ، ދިއްގާގަސްދޮށުގެ، ފާތިމަތު ރަޝީދާ (41އ) އާއި ހދ. ވައިކަރަދޫ، ތަރިވިދާގެ، އަޙްމަދު ޙަލީމް (45އ) ގެ މައްޗަށެވެ. އަޙްމަދު ޙަލީމް އާއި ފާތިމަތު ރަޝީދާގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރި ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ އުމުރުން 6 އަހަރުން ފެށިގެން އެކި ދުވަސްމަތިން ކުޑައަންހެން ކުއްޖަކަށް ޖިންސީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ބުނަނީ ޤާނޫނުގައި ބަޔާންކުރާ ބާވަތުގެ މަދުވެގެން ފަސް ބާވަތުގެ ހެކި ޝަރީޢަތަށް ލިބިފައިވާތީ، މި ދަޢުވާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިގެން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.