މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، މިއަދު ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް ވަޑައިގެންނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް މެސެޖެއް ރައްދުކޮށްދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ، ގެއްލުނު ފަރާތްތަކުގެ އާއިލާތަކުގެ ހިތާމައިގައި ސަރުކާރުން ބައިވެރިވާކަން ހާމަކުރައްވައި، އޮފިސަރުން ދެއްކެވި ޤައުމީ ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
— Maldives Police (@PoliceMv) August 20, 2026
⭕… pic.twitter.com/W0d6O4on1B
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ސާޖަންޓް ޢަލީ ނާފިޢު ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސާޖަންޓް ޢަލީ ނާފިޢު ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮ ދުޢާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި، ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ސީޕީ އަޙްމަދު މުޙައްމަދު ވަނީ ދެއްވާފައެވެ.
މިއަދު ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ ބައްދަލުކުރައްވާފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހުވެސް ވަޒީރާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި، ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައިވެއެެވެ.
މި ހާދިސާ ހިނގާފައިވަނީ، މިމަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، ދޯނީގެ ކެޕްޓަން ތ.މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫންއާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ މިހާދިސާގައި ގެއްލިފައެވެ.