ޚަބަރު

ޔޫރަޕްގެ ރަން ބޫޓް ހެރީ ކޭން އަށް


ބަޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން އަށް ޔޫރަޕްގެ ރަން ބޫޓް ދީފިއެވެ.

ބުންޑެސްލީގާގެ ކްލަބަށް ކުޅެމުންދާ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަށް ރަން ބޫޓް ދީފައިވަނީ ނިމިގެންދިޔަ ސީޒަނުގައި އޭނާ ކުޅުނު 51 މެޗުގައި ޖުމްލަ 61 ލަނޑު ޖަހާފައިވާތީވެއެވެ. މިއީ ހެރީ ކޭން އަށް ޔޫރަޕްގެ ރަން ބޫޓް ލިބުނު ދެވަނަ އަހަރެވެ. ކޭން ވަނީ އޭނާ ބަޔާން މިއުނިކަށް ކުޅުނު ފުރަތަމަ ސީޒަނުގައިވެސް ރަން ބޫޓް ހޯދާފައެވެ.

ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރ އިން 2023 ވަނަ އަހަރު ހެރީ ކޭން ބަޔާން މިއުނިކާއި ގުޅިފައިވާއިރު އޭނާ ވަނީ ޓޮޓްނަމް އަށް 213 ލަނޑު ޖަހައިދީފައެވެ.

ޓޮޓްނަމް އާއިއެކު އެދެވޭ ކާމިޔާބީތަކެއް ހޯދިފައިނުވި ނަމަވެސް ބަޔާން މިއުނިކާއި ގުޅުމަށްފަހު ހެރީ ކޭން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކްލަބްގެ އިތުރުން ގައުމީ ޓީމަށް ޖަހައިދިން ލަނޑު ތަކާއިއެކު އޭނާ ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ 73 ލަނޑު ޖަހާފައެވެ.

ހެރީ ކޭން ބަޔާން މިއުނިކާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނަށްފަހު ހަމަވާއިރު, އޭނާގެ މުސްތަގުބަލާއިމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ބަޔާން އާޢިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެކަމަށް ބައެއް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ޔޫރަޕްގެ ރަން ބޫޓް ދެވަނަ ފަހަރަށް ހޯދުމަށްފަހު ކޭން ބުނެފައިވަނީ ބަޔާން މިއުނިކަށް ބަދަލުވުމާއިއެކު އޭނައަށް އިތުރު ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި އަދި އަލުން އަނބުރާ ޕްރިމިއާ ލީގަށް ދިއުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ.