ކުޅިވަރު

ރޮޑްރީއާ ވާހަކަ ދެއްކިން، ޝައްކު އުފެދުނީ ފަހުން: މޮރީނިއޯ


ބާސެލޯނާ އަށް ކުޅެން ސޮއިކުރި ސްޕޭނުގެ ރޮޑްރީގޯ ހެނާންޑޭޒްއާ ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އޭނާ ގެނައުމާމެދު ފަހުން ޝައުކު އުފެދުނީ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރެއާލްގެ ކޯޗުގެ ގޮތުގައި މޮރީނިއޯ ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން މޮރީނިއޯ ބުނީ ރޮޑްރީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެން އަމިއްލަ އަށް އޭނާއާ ވާހަކަ ދެއްކިން. އެކަމަކު އޭނާގެ ޝައްކުތަކެއް ހުރި އަހަރުމެންނާ މެދު. އެހެންވެ އަހަރެން ވެސް ފަހުން ޝައްކު އުފެދުނު އޭނާ ގެނައުމާ މެދު. އަހަރުމެން (ރެއާލް މެޑްރިޑުން) މި ޓީމަށް ކުޅެން ދެ ވަނަ ވިސްނުމަކަށް ދާ ކުޅުންތެރިއަކު ނުގެންނާނަން،" މޮރީނިއޯ ބުންޏެވެ.

ކުރިން ވެސް ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން މޮރީނިއޯ ބުނީ ރޮޑްރީ ނުގެނެވުނަސް އޭނާގެ ޓީމު ވަރުގަދަ ކަމަށާއި މި ސީޒަނަކީ ތަށި ހޯދަން ކުޅޭނެ ސީޒަނެއް ކަމަށެވެ.

"އަހަރެން ހިތްހަމަ ޖެހޭ މި ޓީމާމެދު. އަހަރުމެން މި ސީޒަނުގައި ތަށި ހޯދަން ތައްޔާރު. ރެއާލް މެޑްރިޑަށް ކާމިޔާބު ހޯދައިދޭން އަހަރެން މަސައްކަތް ކުރާނަން. އަހަރެން ދެކެނީ މި ޓީމަށް ކޯޗު ކޮށްދިނުމަކީ ޝަރަފެއްގެ އިތުރުން ޒިންމާއެއް ކަމަށް. އަހަރެން ފަދައިން އެންމެން ވެސް އެ ގޮތަށް ވިސްނުން ބަހައްޓަންވާނެ،" މޮރީނިއޯ ބުންޏެވެ.

ރެއާލްގެ ކޯޗު ކަމަށް މޮރީނިއޯ ގެނައީ ޖެހިޖެހިގެން ދެ ސީޒަނުގައި ތަށްޓެއް ނުލިބި ދިއުމުންނެވެ.