ކުޅިވަރު

ބާސެލޯނާއިން ލިވަކޮވިޗް ގަނެފައި ލޯނު އުސޫލުން ދޫކޮށްލަނީ


ކްރޮއޭޝިޔާގެ ގައުމީ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ގަތުމަށްފަހު ލޯނު އުސޫލުން ދޫކޮށްލަން ބާސެލޯނާއިން ނިންމައިފި އެވެ.

އުމުރުން 31 އަހަރުގެ ކީޕަރު ގަތުމަށް ބާސެލޯނާއިން މިހާރު ވަނީ އޭނާއާ އެކު އަނގަ ބަހުން އެއްބަސްވެފަ އެވެ. ބާސެލޯނާއިން އޭނާ ގަންނަނީ ތުރުކީގެ ފެނަބާޗޭ އަށް ތިން މިލިއަން ޔޫރޯ ދިނުމަށްފަހު އެވެ. އަދި ލޯނު އުސޫލުން އެއް އަހަރު ދުވަހަށް އޭނާ ދޫކޮށްލަނީ ކްރޮއޭޝިޔާގެ ޑީނަމޯ ޒެގްރެބަށެވެ.

ބާސެލޯނާއިން މި ފިޔަވަޅު މި އަޅަނީ އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑްގެ ކީޕަރު ވޮޝްނިއާ ޝެޒްނީގެ ކޮންޓްރެކްޓް މި ސީޒަނާއެކު ހަމަވާތީ އެވެ. އެ ޓީމުން ބޭނުންވަނީ އަންނަ ސީޒަނުގައި އެއްވަނަ ކީޕަރު ޖޯން ގާސިއާގެ ބެކަޕެއްގެ ގޮތުގައި ލިވަކޮވިޗް ބަހައްޓާށެވެ.

މީގެ ދެ ސީޒަން ކުރިން ރިޓަޔާ ކޮށްގެން ހުއްޓައި ބާސެލޯނާ އަށް ގެނައި 35 އަހަރުގެ ޝެޒްނީ އަކީ ވެސް އެ ޓީމުގެ ބަދަލު ކީޕަރެވެ.