ޚަބަރު

ޑައުންސިންޑްރޯމަށް ހޭލުންތެރިކުރުމަށް ޚާއްސަ ހަރަކާތެއް


އޮބްލޫ ބައި އެޓްމޯސްފެއަރ ހެލެގެނލި ރިސޯޓްގެ އެއްވަނަ އަހަރީ ދުވަހާއި ދިމާކޮށް އެރިސޯޓްގެ ޢާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން އެރިޒޯޓުން ނިންމީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށެވެ. އެގޮތުން މިމަހަކީ، ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ޑައުންސިންޑްރޯމަށް ހޭލުންތެރިކުރުވުމުގެ މަސްކަމަށްވުމާއެކު އެރިސޯޓުންވަނީ ބިއުޓިފުލް އައިސްއާއި ގުޅިގެން ޚާއްޞަ ޙަރަކާތްތަކެއް އެރިސޯޓްގައި އިއްޔެ ބާއްވާފައެވެ. މީގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުން ޑައުންސިންޑްރޯމަށް ހޭލުންތެރި ކުރުވުމަށް ބޭއްވި މަޢުލޫމާތު ސެޝަންތައް ހިމެނެއެވެ. img:http://s2.psmnews.mv/images/660x400/14778440883013.jpg|ޑައުންސިންޑްރޯމް ކުދިންނާއެކު ބޭއްވި އިވެންޓްގެ ތެރެއިން - ފޮޓޯ: އޮބްލޫ ބައި އެޓްމޮސްފިއަރ ހެލެނގިލި

ހަމަ އެއާއެކު ޑައުން ސިންޑްރޯމް ކުދިންނަށް އެހީތެރިވެދިނުމުގެ ގޮތުން ފަންޑް ރެއިޒިން ޙަރަކާތްތަކެއް އިއްޔެ އެ ރިސޯޓްގައި ކުރިޔަށް ގެންގޮސްފައިވެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ޑައުންސިންޑްރޯމް ކުދިންގެ ކުރަހާފައިވާ ޓީ-ޝާޓް ނީލަން ކިޔުމަށް ބޭއްވި ޙަރަކާތެވެ. ސްޓާފުންނާއި ޓުއަރިސްޓުން ހިމެނޭ ގޮތައް ބޭއްވި މި ނީލަމުގައި ޓީޝާޓް ގަނެފައިވަނީ 200 ޑޮލަރާއި 350 ޑޮލަރާއި ދެމެދުގެ އަގުތަކުގައެވެ. މީގެތެރެއިން ވެސް އެންމެ ގިނަ ޓީޝާޓް ގަނެފައިވަނީ ރިޒޯޓްގެ މުވައްޒަފުންނެވެ. މި ޓީޝަރޓްތަކާއި ބިއުޓިފުލް އައިސް އިން ކުރިޔަށްގެންދާ "އިންކްލޫސިވް އެޑިއުކޭޝަން" ކެމްޕެއިންގެ ސްޓިކަރ ވިއްކައިގެންނާއި އެކު، ޖުމްލަ އެއްލައްކަ ތިރީސް ހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ އެއްކޮށް ބިއުޓިފުލް އައިސް އަށް ވަނީ ހަދިޔާކޮށްފައެވެ. މިއީ ބިއުޓިފުލް އައިސްއަށް އެއްތަނަކުން މިހާތަނަށް ހަދިޔާ ކުރި ފައިސާގެ އެންމެ ބޮޑު ޢަދަދެވެ. ހެލެނގެލި ރިސޯޓްގެ މެނޭޖަރ ވިދާޅުވީ މުޖުތަމަޢުގައި ޚާއްޞަ އެހީއަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަކީ އެ ރިސޯޓްގެ އަމާޒުކަމަށާއި މުސްތަޤްބަލުގައި ފަންޑް ރެއިޒިންގެ އިވެންޓްތަކުގެ އިތުރުން މާލީގޮތުންނާއި ފަންނީ ގޮތުން ބިއުޓިފުލް އައިޒްއަށް އެހީތެރިވުމަށް ވިސްނަމުންދާކަމަށެވެ. img:http://s3.psmnews.mv/images/660x400/14778442065596.jpg|ޑައުންސިންޑްރޯމް ކުދިންނާއެކު ބޭއްވި އިވެންޓްގެ ތެރެއިން - ފޮޓޯ: އޮބްލޫ ބައި އެޓްމޮސްފިއަރ ހެލެނގިލި

ހެލެނގެލި ރިސޯޓުން ވަނީ ޑައުން ސިންޑްރޯމް ކުދިންނަށާއި ބެލެނިވެރިންނަށް އެއްދުވަސް އެރިސޯޓްގައި ހޭދަކޮށްލުމުގެ ފުރުޞަތުވެސް ދީފައެވެ. ރިސޯޓް ދައްކާލުމުގެ އިތުރުން ތަފާތު އެކި ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

ހެލެނގެލިން ބޭއްވި ޙަރަކާތުގައި ބިއުޓިފުލް އައިސްގެ ސޯޅަ ދަރިވަރުންނާއިއެކު، އެކުދިންގެ ބެލެނިވެރިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ލިބުނެވެ. ފޭސް ޕެއިންޓިންގް އާއި ބޮޑުބެރު ފަދަ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔައިރު ކުދިން ތިބީ ވަރަށް އުފަލުންނެވެ. ރިސޯޓްގެ މުވައްޒަފުންވެސް ތިބީ އެހާމެ ހިތްހަމަޖެހިފައެވެ. ޕީ.އެސް.އެމްއާ ވަހަކަ ދެއްކި ގިނަ މުވައްޒަފުން ބުނީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، ޑައުން ސިންޑްރޯމާއި އަދި އެ ނުކުޅެދުންތެރިކަން ތަޙައްމަލް ކުރަމުންދާ ކުދިންގެ ދިއިރުޅުމާއި ބެހޭ ގިނަ މައްލޫމާތުތަކެއް އެނގިގެން ހިނގައްޖެކަމަށެވެ.

ބިއުޓިފުލް އައިސް ގެ ފައުންޑަރ އަޙްމަދު އަންސާމް ވިދާޅުވީ، ޑައުން ސިންޑްރޯމް ކުދިންނަށްޓަކައި ރަންގަލި ރިސޯޓުން މިފަދަ ފުރިހަމަ ޙަރަކާތެއް ކުރިޔަށްގެންދިއުމުން އެކަމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި އުންމީދަކީ މިއީ ނަމޫނާއެއްގެ ގޮތުގައި ދެކި އެހެން ރިޒޯޓްތަކުންވެސް ޑައުން ސިންޑްރޯމް ކުދިންނާއި އެހެނިހެން ބާވަތުގެ ނުކުޅެދުންތެރިކަން ތަޙައްމަލް ކުރަމުންދާ ކުދިންނަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. 

އަންސާމް ވިދާޅުވީ، ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ޚިދްމަތް ފޯރުކޮށްދިނުމުގައި އެކި ދާއިރާތަކުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް އެކި ފަރާތްތަކުގެ ދީލަތި އެހީ ބޭނުންވާކަމަށެވެ. އަދި މިކަމަށް ބޭނުންވަނީ މިފަދަ ފަރާތްތަކާއި މުޖުތަމައު މިކަމަށް ހޭލުންތެރި ކުރުން ކަމަށްވާއިރު، މިއަރުގެ ތެރޭގައި ،ޑައުން ސިންޑްރޯމަށް ޢާއްމުންނާއި މުޖުތަމައު ހޭލުންތެރި ކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަވާކަމަށެވެ.